އޭއެފްސީ ކަޕްގެ ޕްލޭއޯފްގެ ފުރަތަމަ ލެގު މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ގްރޫޕު ސްޓޭޖުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބެންގަލޫރު އަތުން މާޒިޔާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ނުވަވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް އަނިޔާވުމާ ގުޅިގެން އެޓީމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އަސައްކޮއަށް އަނިޔާވުމާ ގުޅިގެން މޫސާ ޔާމީން (ޔާމްބެ) ކުޅެން އަރުވައި، މާޒިޔާގެ ފޯވަޑު ލައިނަށް ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.
މެޗުގެ 22 ވަނަ މިނެޓުގައި މާޒިޔާއަށް ވަނީ ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އައިސަމް އިބްރާހިމް ބޮލުން ފޮނުވާލި ހަމަލާ، ބެންގަލޫރުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 39 ވަނަ މިނެޓުގައި މާޒިޔާއަށް ލަނޑު ޖެހުމަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ހަމްޕު ދިން ބޯޅައެއް ހިފައިގެން ވަރަށް ހުސްކޮށް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާ ދިޔައީ ބެންގަލޫރުގެ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ބެންގަލޫރަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ނީލީ ފޮނުވާލި ހަމަލާ، މާޒިޔާގެ ކީޕަރު އޯވޭސް އަޒީޒީ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ބެންގަލޫރަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕަރަގް ސަޓިޝް ޝްރިވާސް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބެންގަލޫރުގެ އޮސްޓްރޭލިއާ މިޑްފީލްޑަރު އެރިކާ ޕާޓަލޫ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ މާޒިޔާގެ ގޯލުގެ ހުރަސްދަނޑިއަށެވެ.
މެޗުގެ 64 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އައިސަމް ދިން ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފޭދޫ އިއްބެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ އަމާޒުވީ ބެންގަލޫރުގެ ގޯލުގެ ތިރީ ކަނަކަށެވެ.
މާޒިޔާ އިން ލަނޑުޖެހިތާ ފަސް މިނެޓު ފަހުން ބެންގަލޫރަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީއަކީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިޝޯން ބްރައުނަށް ޕީޓާ އާއި މުހައްމަދު ޝާރިފް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، ބެންގަލޫރަށް ނަތީޖާ ހަމަހަމަކޮށްދިނީ ނީލީއެވެ.
މެޗުގެ 79 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ހަމްޕު ދިން ރީތި ބޯޅައަކުން މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ކޯނެލިއަސް ސްޓެވާޓެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ކޯނެލިއަސް ފޮނުވާލި ހަމަލާ އަމާޒުވީ ބެންގަލޫރުގެ ގޯލުގެ ތިރީ ކަނަކަށެވެ.
ޕްލޭއޯފްގެ ދެވަނަ ލެގު މެޗުގައި ބެންގަލޫރާ ދެކޮޅަށް މާޒިޔާ ނުކުންނަން ޖެހޭނީ އަންނަ ބުދަ ދުވަހުއެވެ. އިންޑިއާގައި ކުޅޭ އެ މެޗަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުން ޖާގަ ލިބޭނެއެވެ. އެގްރިގޭޓުން ކުރި ހޯދާ ޓީމު ވާދަކުރަން ޖެހޭނީ އޭއެފްސީ ކަޕުގެ "ގްރޫޕު އީ"ގައެވެ. އެ ގްރޫޕުގައި ހިމެނެނީ އިންޑިއާގެ ޗެމްޕިއަން ޗެންނާއީ އެފްސީ އާއި ބަންގުލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި ރާއްޖޭގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ.