އިބްރާހިމް ޒަކީ
ބިލްތަކެއްގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ، ސުރުހީތަކަކާއި ބަހަނާތަކެއް ކަމަށާއި އެތަކެތި ބިލަކަށް ހަދަނީ ރައްޔިތުންގެ މަޖިލީހުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅަނީ ވަރަށް ޒަމާންވީ ބިލުތަކެއް ކަމަށެވެ. އަދި އެބިލު ތަކަކީ، ބައިނަލް އަގުވާމީ ފަރާތްތަކުގެ ޕްރެޝަރާ ހެދި އެކުލަވާލާފައިވާ ބިލުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
"މިދެންނެވި ބިލު ތަކަކީ އެތައް ޒަމާނެއް ވަންދެން ސަރުކާރުގެ އެކި ވުޒާރާތަކުގައި، ޔޫއެންޑީޕީ އާއި ދުނިޔޭގެ ބައިނަލް އަގުވާމީ ހުރިހާ ޖަމިއްޔާއަކާއި، ޖަމާއަތަކާއި އެކުވެރި ދައުލަތްތަކާ ގުޅިގެން ދިވެހި ދައުލަތުން ބަހަނާ ދެއްކުމުގެ ގޮތުގައި، ދިވެހި ސަރުކާރުން ބޭރު ގައުމުތަކުގެ ޕްރެޝަރު ބޮޑުވީމާ، އާދޭހޭ ތިކަމާ ބެހޭ މާހިރުން ހޯދައިގެން އަޅުގަނޑުމެން ބިލެއް ލިޔެފައި ގާނޫނަކަށް ހަދާނަމޭ ކިޔުއްވައި، ބަހަނާ ދެއްކުމުގެ ނިޔަތުގައި ސަރުކާރުން އެކިއެކި ވުޒާރާތަކުގައި ފަށާފައި ހުރި ބައިވަރު މަސައްކަތްތަކެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެގޮތުން މަޖިލިސް ރައީސް ވިދާޅުވީ، މިހާރު ސަރުކާރުން މަޖިލީހަށް ހުށަހަޅަމުން އަންނަ ބިލު ތަކަކީ، ގާތްގަނޑަކަށް 1980 ގެ އަހަރު ތަކުގައި ސަރުކާރުގެ އިދާރާތަކުގައިހުރި ތަކެތި ކަމަށެވެ. އަދި އެތަކެއްޗަކީ އެމްޑީޕީގެ އަމާޒުތައް ސީދާ ގޮތަށް ފާހަގަވާ ބިލުތަކެއް ނޫން ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އެއެއްޗެތީގައި ލިޔެފައި ހުރީ ބަހަނާ، މިއަދު ދިވެހި ރައްޔިތުން އެދެނީ އެ ބަހަނާ ތަކެއް ނޫން. އެކަން ކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލްތަކަކީ އެއްވެސް ހާލެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކްޕާޓީގެ މެނިފެސްޓޯގެ އަމާޒުތައް ސީދާ ގޮތުގައި ފާހަގަވާ ބިލުތަކެއް ނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.