އިބްރާހިމް ޒަކީ
ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ހިނގާދިޔަ ކަންތައްތަކަކާ ގުޅިގެން، 444 ރުފިޔާ ދައުލަތަށް ދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އޭސީސީން އަންގާފައިވާ އެންގުމަށް ޗެލެންޖް ކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދި ވަޑައިގެންފިއެވެ.
އޭސީސީން 444 ރުފިޔާ ދައުލަތަށް ދެއްކެވުމަށް ރައީސް ނަޝީދަށް އެންގެވި އެންގުމުގައި ބުނެފައިވަނީ، މިދިޔަ އަހަރު އޮކްޓޯބަރު މަހު ގއ. ވިލިނގިލީގައި ބޭއްވި "ދެކުނު މަހާސިންތާ"ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ފުވައްމުލަކާއި އައްޑުއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން، އެ މަނިކުފާނުގެ އަރިހުގައި ދިޔަ ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ ޓިކެޓަށް 444 ރުފިޔާ އިތުރުވި ކަމަށެވެ.
އަދި އެއީ މަހާސިންތާ ނިންމަވާފައި މާލެ ވަޑައިގަތުން ލަސްވުމުން ޓިކެޓަށް އިތުރުވި މިންވަރުކަން އޭސީސީގެ ނިންމުމުގައި ބުނެފައި ވެއެވެ.
އޭސީސީގެ ނިންމުމުގައި އަންގާފައިވަނީ އެ 444 ރުފިޔާ އަނބުރާ ހޯދުމަށް ފަހު މަޖިލީހުގެ އިދާރާއިން އެކަން އެ ކޮމިޝަނަށް އެންގުމަށެވެ.
އޭސީސީގެ މި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ، އެ ނިންމުމަށް ޗެލެންޖްވެސް ކުރެވިދާނެ ކަމަށާއި، އެ ފައިސާވެސް ދެއްކި ދާނެ ކަަމަށެވެ. ނަމަވެސް އެ ނިންމުމަށް އޭސީސީއަށް މަޖިލީހުން ޗެލެންޖު ކުރާނަމަ ވަކީލުންގެ ކަންތައްތަކަށާއި އެކަމާގުޅޭ އެކި ކަންތައްތަކަށް ބޮޑު ހަރަދެއް ދާނެ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން އެެގޮތަށް ނިންމަވާނީ މަޖިލިސް މެންބަރުންނަށް ފެނިވަޑައިގަންނަވާ ނަމަ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެނަބަރުން އެ ފައިސާ ދައްކަވަން ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަ ދެއްކެވީ އެ ނިންމުމަށް ޗެލެންޖު ކުރެއްވުމަށެވެ. އެ ދެ މެންބަރުންނަށް ތާއީދު ކުރައްވައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒު ވާހަކަ ދެއްކެވިއެވެ.
އީވާ ވިދާޅުވީ، އޭސިސީން ފޮނުވި ރިޕޯޓަކަށް ވިޔަސް ޗެލެންޖު ކުރެވޭނެ ކަމަށެވެ. އެއީ މަޖިލީހުގެ ރައީސާ ގުޅޭ ކަމެއް ކަމަށާއި، އޭސީސީގެ ނިންމުމުގައި ހަށިފާރަވެރިންގެ ވާހަކަ ހިމެނޭއިރު، އެއީ މަޖިލިސް ރައީސް އާއި މަޖިލިސް މެންބަރުންނާއި މިނިސްޓަރުންނާއި އުއްތަމަ ފަނޑިޔާރު އެދިވަޑައިގެން ހަމަޖައްސާ ބައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ އެވަގުތެއްގެ ހާލަތާ ބައްދަލުވާ ގޮތަށް ޑިފެންސް މިނިސްޓްރީން ކަނޑައަޅާ ބައެއް ކަމަށާއި، އޭސީސީގެ ނިންމުމަށް ބަލާއިރު އެ ހަށިފާރަވެރިންގެ ހަރަދުތައްވެސް ބަލަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.
އަލީ އާޒިމް ވިާޅުވީ، މި މައްސަލަޔަކީ 444 ރުފިޔާގެ އެކަނި މައްސަލައެއް ނޫން ކަމަށާއި، އޭސީސީން އެކަން ބަލައި ނިންމީ ކޮން ކަންތައްތަކަކަށް ބަލައިގެންކަން، މަޖިލީހުން ބަލަން ޖެހޭ ކަމަށެވެ. އަދި އެއީ ދޫކޮށްލައިގެންވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އަލީ އާޒިމްގެ ވާހަކައަށް ތާއީދު ކުރައްވައި އަހުމަދު އީސާ ވިދާޅުވީ މީ ދައުލަތުގެ އެއްބާރުން އަނެއް ބާރުގެ މައްޗަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް އެ ނިންމުމަށް ޗެލެންޖް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ނިންމަވާނީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މެންބަރުންގެ އެވާހަކައާ ގުޅިގެން ވަކި ނިންމުމެއް ނިންމެވިކަން މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ.