ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް، ކުރިން އާސެނަލް އަށް ކުޅުނު ލެޓްވިއާގެ އީގޯ ސްޓެޕަނޯވްސް ހަމަޖައްސައިފި އެވެ.
19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ސްޓެޕަނޯވްސް ހަމަޖެއްސިކަން އިއުލާން ކުރުމަށް އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ޔޫއެފާ އެސިސްޓް 17 އަހަރުން ދަށުގެ މުބާރާތުގައި ވާދަ ކުރި ލެޓްވިއާގެ ޓީމު އެ މުބާރާތަށް ތައްޔާރު ކުރުމުގައި ސްޓެޕަނޯވްސްގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި އެ މުބާރާތުގައި ލެޓްވިއާގެ ޓީމުން ތަފާތު ކުޅުމެއް ދައްކާފައިވާ ކަމަށާއި، އެހެންކަމުން ސްޓެޕަނޯވްސް އާއެކު ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުވެސް ރަނގަޅު ލެވަލަކަށް ގެންދެވިދާނެ ކަމަށް ގަބޫލު ކުރާ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ސްޓެޕަނޯވްސްގެ މަސައްކަތަކަށް ވާނީ އަންނަ އަހަރު ބާއްވާ 19 އަހަރުން ދަށުގެ މުބާރާތްތަތަކަށް ގައުމީ ޓީމު ތައްޔާރު ކުރުމެވެ. ބައްސާމް ވިދާޅުވީ 19 އަހަރުން ދަށުގެ ގައުމީ ޓީމު އެކުލަވާލުމަށްޓަކައި ކުރިއަށް އޮތް 10 ދުވަސްތެރޭ ޓްރެއަލްތަކެއް ބާއްވާނެ ކަމަށާއި އުއްމީދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިން ގައުމީ ޓީމަށް ހޮވިގެން ދިއުން ކަމަށެވެ.
ސްޓެޕްނޯވްސް ބުނީ، ރާއްޖޭގައި މަސައްކަތް ކުރަން ދައުވަތު ލިބުމަކީ ލިބޭ އުފަލެއް ކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ތެރެއަށް ވަންނަން ވަގުތުކޮޅެއް ބޭނުންވާ ކަމަށެވެ. އަދި އެއަށްފަހު އޭނާ މަސައްކަތާ މެދު ތަފްސީލުތަކެއް ދޭނެ ކަމަށް ބުންޏެވެ.
ސްޓެޕަނޯވްސް ވަނީ 2000 ވަނަ އަހަރުން 2003 ވަނަ އަހަރަށް އާސެނަލްގެ ޓީމުގައި ހިމެނިފަ އެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރީ ލެޓްވިއާގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގަ އެވެ.
19 އަހަރުން ދަށުގެ ޓީމުގައި ދާއިމީ ކޯޗެއްގެ ގޮތުގައި އެންމެ ފަހުން ހުރީ، ޓީސީގެ މިހާރުގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން އެޓީމުން ވަނީ މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ 19އަހަރުން ދަށުގެ މުބާރާތުގެ ތިން ވަނަ ހޯދާފަ އެވެ. ޝާޒް ޓީމުގެ ކޯޗު ކަމުން އިސްތިއުފާ ދިނީ ޓީސީގެ ކޯޗް ކަމާ ހަވާލު ވުމަށެވެ. ވަގުތީ ކޯޗެއްގެ ހައިސިއްޔަތުން ކޯޗް ނާދު ވަނީ އެޓީމަށް އިރުޝާދު ދީފައެވެ.