އިބްރާހިމް ޒަކީ
އިއާދަ ކުރަނިވި ހަކަތައާއި ސޯލާޕެނަލަށް ކުޑަ އިންޓްރެސްޓްގައި ލޯނު ލިބޭނެގޮތް ކަނޑައަޅައި ކަރަންޓް އަގުހެޔޮ ކުުރުމާބެހޭ ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ގަރާރުގައި ބުނެފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓް ބިލު އަގު ހެޔޮ ކުރުމަށްޓަކައި ގޭގޭގެ ފުރާޅުގައި ސޯލާޕެނަލް ހަރުކުރުމުގެ ޕްރޮގްރާމެއް ރާވައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއި، ބޭންކު ތަކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ގުޅިގެން ޕްރޮގްރާމެއް ތައާރަފް ކޮށްދޭންޖެހޭނެ ކަމަށެވެ.
އަދި ރައްޔިތުންގެ ތެރެއިން ސޯލާޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް ލުއިކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން އެކަމަށް ދޫކުރާ ލޯނުގެ އިންޓްރަސްޓް ރޭޓް ފަސް ޕަސެންތޓް ދަށްކޮށްދިނުމަށްވެސް ގަރާރުގައި ހިމަނާފައިވެއެވެ.
ސޯލާޕެނަލް ހަރުކުރަން ބޭނުންވާ މީހުންނަށް ލޯނުނަގަން އެހީތެރިވެ ދިނުމުގެ ގޮތުން، އިއާދަ ކުރަނިވި ހަކަތަ ކުރިއެރުވުމަށް ކަނޑައަޅާފައިވާ ފައިސާއިން، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބަޖެޓުން ކޮންމެ ކައުންސިލަކަށް އެއްމިލިޔަން ރުފިޔާ ކަނޑައެޅުމަށްވެސް ގަރާރުގައި ހިމެނާފައިވެއެވެ.
ސޯލާޕެނަލް ހަރު ކުރުމާއި އިއާދަ ކުރަނިވި ހަކަތަ އުފައްދައި ވިއްކުމުގައި ގާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކޮށް، މިފަދަ ހުރަސްތަކާ ގުޅޭގޮތުން ރިޕޯޓެއް އެކުލަވާލައި ތިން ހަފްތާގެ ތެރޭގައި ކޮމިޓީއަށް ފޮނުވުމަށް އެންވަރަންމަންޓް މިނސިްޓްރީއަށް އެންގުމަށްވެސް މި ގަރާރުގައި ހިމަނާފައިވެއެވެ.