އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ހަރަދު ކުރެއްވި ފައިސާގެ ތެރެއިން، ދައުލަތަށް ދެއްވުމަށް އޭސީސީން ރައީސް ނަޝީދަށް އެންގެވި 444 ރުފިޔާ ދެއްކުމަށްޓަކައި އެ ފައިސާ ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދި ވަޑައިގެންފިއެވެ.
ރައީސް ނަޝީދާ ބެހޭގޮތުން އޭސީސީއަށް ހުށަހެޅި މައްސަލައެއް ބަލައި އެ ކޮމިޝަނުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވަވަމުން މަޖިލިސް ރައީސް ވިދާޅުވީ، "އެހެންވީމަ 444 ރުފިޔާއަށް އިއްޒަތްތެރި ހުރިހާ މެންބަރުން ދަރާ ތިޔަ ތިއްބެވީ،" ކަމަށެވެ.
އަދި އެ 444 ރުފިޔާ ދެއްވުމަށް މަޖިލިސް މެންބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށާއި، އެހެން ނޫންނަމަ އެކަމަށް ޗެލެންޖް ކުރުމުގައި މަޖިލީހަށް ހަރަދު ބޮޑުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމަ 444 ރުފިޔާއަށް އިއްޒަތްތެރި ހުރިހާ މެންބަރުން ދަރާ ތިޔަ ތިއްބެވީ، ދެން މިކަމުގައި އަޅުގަނޑަށް އޭސީސީއާ ޗެލެންޖްވެސް ކުރެވިދާނެ، ނުވަތަ 444 ރުފިޔާ ދެވިވެސްދާނެ. ދެން އަޅުގަނޑު ހިތުން މި މަޖިލީހުން 444 ރުފިޔާ އާދެ އަޅުގަނޑު ދެން އެދެނީ އިއްޒަތްތެރި މެންބަރުން އަޅުގަނޑަށް 444 ރުފިޔާ ދެއްވުން. އެހެންނޫނިއްޔާ މި މަޖިލީހަށް މާ ހަރަދު ބޮޑުވާނެ އެއީ އަޅުގަނޑުމެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަކާލާތު ކުރުމާއި ކަންކަމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އެހެން ވިދާޅުވުމުން، ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސު އަލީ ވިދާޅުވީ، މަޖިލިސް ރައީސްގެ މަތިން އޭސީސީއަށް އެފައިސާ ދައްކަވާނެ ކަމަށެވެ.
"އަޅުގަނޑު ރައީސްގެ މަތިން އެ 444 ރުފިޔާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދައްކާނަން އިނގޭތޯ،" ޔޫނުސު އަލީ ވިދާޅުވިއެވެ.
މެންބަރު އެހެންް ވިދާޅުވުމުން ހޮޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އެހާ ތަނަވަސްވި ގޮތަކާބެހޭގޮތުން ހިތަށް އަރާކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
444 ރުފިޔާ ދައުލަތަށް ދެއްކުމަށް މަޖިލިސް ރައީސަށް އޭސީސީން އަންގައި، އަދި އެފައިސާ އެމަނިކުފާނުގެ އަތުން ހޯދުމަށްފަހު އޭސީސީއަށް އެންގުމަށް އޭސީސީން އަންގާފައިވަނީ، އަމިއްލަ ގޮތުން އެ މަނިކުފާނު ކުރެއްވި ދަތުރުފުޅަކަށް ހަރަދުކުރިކަން ސާބިތުވުމުންނެވެ.