އަލީ ޔާމިން
އެޑޮޕްޓް ކުރުމާއި، ކުޑަކުދިންގެ ހައްގުތަކާބެހޭ މުހިއްމު ކަންތައްތަކެއް ހިމަނާފައިވާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިރޭ 12:00 އިންފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން 66 މެމްބަރުންގެ ވޯޓުން ފާސްކުރީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެ ގާނޫނުގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނެސްފައެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީ އާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ ކަށަވަރުކޮށްދިނުން ހިމެނެއެވެ.
އޭގެ އިތުރުން ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާ އާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖުތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް ހިމެނެއެވެ.
ކުޑަކުދިންގެ ގާނޫނަށް ގެނެސްފައިވާ އެންމެ މުހިންމު އިސްލާހުތަކުގެ ތެރޭގައި ވެކްސިން ދިނުން ލާޒިމު ކުރުމާއި ކުޑަކުދިންނަށް ކައިވެނިކޮށް ނުދިނުމާއި ކުޑަކުދިންނަށް މަރުގެ އަދަބު ނިނުމާއި ކުޑަކުދިން ގުރޫމް ކުރުމަކީ ކުށެއް ކަމާއި ކުއްޖަކަށް ނުރައްކާވާ ހާލަތުގައި ކޯޓު އަމުރެއް ނެތި އެތަނަކަށް ވަދެވޭނެ ކަމުގެ އިތުރުން ކުއްޖާ ދައުލަތަށް ނަގާނީ އެންމެ ފަހު ފިޔަވަޅެއްގެ ގޮތުންކަން ބަޔާންކޮށްފައިވެއެވެ.