އިބްރާހިމް ޒަކީ
އަން ހޯމަ ދުވަހަކީ ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއްވެވި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމުގެ ގޮތުން، އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކިޔުއްވާނެ އެއްޗެއް ކިޔުއްވަން މަޖިލިސް ހުޅުވާލައްވާ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިމަހު ތިންވަނަ ދުވަހު ބޭއްވި ޖަލްސާއަށް ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން ވަނީ އިއްވަވައިފައެވެ.
މަޖިލިސް ގަވާއިދު ބުނަނީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ލީޑަރު، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަށް ޖެހިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރިޔާސީ ބަޔާނަށް ޖަވާބު ތައްޔާރު ކުރެއްވުމަށްފަހު، އެކަމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް ބާއްވަވައި ދެއްވުމަށް، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެދިވަޑައިގެންފައިވާ ކަމަށެވެ.
އެހެންކަމުން މިމަހުގެ 24 ވާ ހޯމަ ދުވަހުގެ ޖަލްސާގައި ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުން އޮންނާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ މައިނޯރިޓީ ލީޑަރުގެ ދުވަސް ކަމަށާއި، އެދުވަހުގެ ޖަލްސާގައި ދިމާވެދާނެ އެއްގޮތަކީ، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ 65 މެންބަރުންގެ ނަން އިއްވުމަށްފަހު ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯއްދެވުން ކަަމަށެވެ.
އެހެންކަމުން ހުރިހާ ބޭފުޅުން ވިސްނާވަޑައިގަތުމަށާއި، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަށް ވާދަވެރި ފަރާތްތަކުން ހުށަހަޅާ ބަޔާން އޮންނާނީ ވަކި ތަޖުވީދަކަށް ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު މެންބަރުންގެ ކިބައިން އެދެން އެއީ މައިނޯރިޓީ ލީޑަރުގެ ދުވަސް، އެބޭފުޅާ ދިވެހި ސަރުކާރަށް، ރައީސުލް ޖުމްހޫރިއްޔާގެ ބަޔާނަށް ކިޔުއްވާނެ އެއްޗެއް ކިޔުއްވަން މި މަޖިލިސް އަޅުގަނޑު ހުޅުވާލާ ދުވަސް، އެހެންވީމާ އެއްގޮތަކީ އެމްޑީޕީގެ އިއްޒަތްތެރި 65 މެންބަރުންގެ ނަން އިއްވާފަ ބައިތިއްބާފަ، އެނަންތައް އިއްވޭނެ ގޮތެއް ހޯދުން، ނޫނިއްޔާ އަޅުގަނޑުމެންނަށް ހުރިހާ ފަރާތަކުން އަދި އެ ބަޔާން އިއްވާ ފަރާތުންވެސް، ވާދަވެރި ފަރާތްތަމުގައި ވިޔަސްވެސްވެސް އެ ބަޔާނަކީ ވަކި ތަޖުވީދަކަށް އޮންނަން ބަޔާނެއްގެ ގޮތުއި އަޅުގަނޑު އުއްމީދު ކުރާނަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.