މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

މާޒިޔާ އިން ބެންގަލޫރާ ދެކޮޅަށް ނުކުންނަން ޖެހޭނީ ބަދަލު ހިފުމުގެ ރޫހެއްގައި!

އޭއެފްސީ ކަޕުގެ ޕްލޭއޯފް ބުރުގެ ފުރަތަމަ ލެގުގައި މިއަދު އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާޒިޔާ ނުކުންނަ އިރު، މާޒީއަށް ވިސްނާލަން ޖެހެއެވެ. މިއަދު ހަވީރު 4:00ގައި ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅޭ އެ މެޗަށް ނުކުންނަ އިރު، ބެންގަލޫރަކީ މާޒިޔާއަށް ހިތްދަތިކަން ގެނުވި ޓީމެއްކަން ވިސްނަން ޖެހެއެވެ.

މާޒިޔާ އިން ވަނީ މިހާތަނަށް ދެ ފަހަރަކު އޭއެފްސީ ކަޕުގައި ވާދަކޮށްފައެވެ. އެއީ 2016ގެ އޭއެފްސީ ކަޕާއި 2017ގެ އޭއެފްސީ ކަޕުގައެވެ. އޭގެ ތެރެއިން 2017ގެ އޭއެފްސީ ކަޕުގައި މާޒިޔާ އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެ، ގްރޫޕު ސްޓޭޖު ފަހަނައަޅައި ދިއުމާ ގާތަށް ޖެހިލައިފައެވެ. އެފަހަރު މާޒިޔާއަށް ހުރަސްއެޅި ޓީމަކީ ބެންގަލޫރެވެ.

އޭއެފްސީ ކަޕް 2017ގައި މާޒިޔާ ހިމެނުނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި އިންޑިއާގެ މޯހަން ބަގާން އަދި ބަންގުލަދޭޝްގެ ދާކާ އަބަހާނީއާ އެއް ގްރޫޕެއްގައެވެ. މާޒިޔާއަށް ގްރޫޕު ސްޓޭޖު ދިޔައީ ވަރަށް ހިތްދަތިކޮށެވެ. ގްރޫޕު ސްޓޭޖުގައި އެއްވަނަ ހޯދި އިންޑިއާގެ ބެންގަލޫރާއި ދެވަނަ ހޯދި މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރެވެ. ބެންގަލޫރު ކުރީގައި އޮތީ ހެޑް ޓު ހެޑް ނަތީޖާއިންނެވެ. އެހެންކަމުން މާޒިޔާއަށް ވަނީ ގްރޫޕު ސްޓޭޖާ ހަމައިން މުބާރާތް ނިންމާލަން ޖެހިފައެވެ.

އެފަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުގައި މާޒިޔާ އިން ވަނީ ދެ މެޗެއްގައި ބެންގަލޫރާ ދެކޮޅަށް ނުކުމެފައެވެ. އެ ދެ މެޗުގައި ވެސް ބެންގަލޫރު އަތުން މާޒިޔާ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މާޒިޔާއަށް ގްރޫޕު ސްޓޭޖު ފަހަނައަޅައި ނުދެވުނު އެންމެ ބޮޑު ސަބަބަކީ އެ ދެ މެޗުން ބަލިވުމެވެ.

މާޒިޔާއަށް ކާމިޔާބު ސީޒަނެއް، ބެންގަލޫރަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނުނެރެވޭ

މާޒިޔާއަށް މިސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެކެވެ. މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއަކީ ރަނަރަޕް ޓީމު ކަމުގައިވިޔަސް، އެކްލަބުން ވަނީ މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއެކު މިސީޒަނުގައި މާޒިޔާ އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.

މިސީޒަނުގެ ލީގުގައި މާޒިޔާ ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ ލީގުގެ ދެވަނަ ކަށަވަރުކޮށްފައިވާ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. މާޒިޔާ އާއި އީގަލްސްއާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި މިހާތަނަށް މާޒިޔާ ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ދެވަނަ ބުރުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

އިންޑިއަން ސުޕާ ލީގުގެ ޕޮއިންޓް ތާވަލުގައި މިވަގުތު ބެންގަލޫރު އޮތީ އެންމެ ރަނގަޅު ހިސާބަކު ނޫނެވެ. އެޓީމު އޮތީ އެއްވަނައިގައި އޮތް އެފްސީ ގޯއާ އާއި ދެވަނައިގައި އޮތް އޭޓީކޭގެ ފަހަތުން ތިންވަނައިގައެވެ. ބެންގަލޫރަށް 17 މެޗުން 29 ޕޮއިންޓު ލިބިފައިވާ އިރު، ދެވަނައިގައި އޮތް އޭޓީކޭއަށް 17 މެޗުން ލިބިފައިވަނީ 33 ޕޮއިންޓެވެ. އަދި އެއްވަނައިގައި އޮތް ގޯއާއަށް 17 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވެސް ބެންގަލޫރު ވަނީ ބަލިވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ކެރެލާ ބްލާސްޓާސްއާ ދެކޮޅަށް ކުޅުނު މެޗުން ބެންގަލޫރު ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. ކެރެލާ ބްލާސްޓާސްއަކީ ލީގު ތާވަލުގެ ހަތްވަނައިގައި އޮތް ޓީމެކެވެ.

ޕްރިލިމިނަރީ ބުރުގައި ބެންގަލޫރު ފެނުނީ ވަރުގަދަކޮށް

އޭއެފްސީ ކަޕުގެ ޕްލޭއޯފް ބުރުން މާޒިޔާއަށް ފުރުސަތު ލިބުނީ ހަނިގޮތަކަށެވެ. ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބަންގުލަދޭޝްގެ ދާކާ އަބަހާނީ އަތުން 2-2ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި ރާއްޖޭގައި ކުޅުނު ދެވަނަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މާޒިޔާއަށް ޕްލޭއޯފް ބުރުން ފުރުސަތު ލިބުނީ އަވޭ ގޯލުގެ އެޑްވާންޓޭޖުންނެވެ.

ޕްރިލިމިނަރީ ބުރުގައި ބެންގަލޫރުން ވަނީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. ބޫޓާންގެ ޕަރޯ އެފްސީއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ބެންގަލޫރު މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އަދި އިންޑިއާގައި ކުޅުނު މެޗުން ބެންގަލޫރު މޮޅުވީ 9-1ގެ ނަތީޖާއަކުންނެވެ.

މާޒިޔާ އިން މިއަދުގެ މެޗަށް ނުކުންނަ އިރު، އެޓީމުގެ ކުޅުންތެރިންނާ މެދު ވެސް ސަމާލުވާން ޖެހޭނެއެވެ. އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އާއި އޮސްޓްރޭލިއާ މިޑްފީލްޑަރު އެރިކް ޕާޓަލޫ އާއި ޖެމެއިކާ ފޯވަޑް ޑިޝޯން ބްރައުން އާއި ސްޕެއިން ޑިފެންޑަރު ޖުއަނާން އަދި ސްޕެއިން މިޑްފީލްޑަރު ނިލީއާ މެދު ސަމާލުވާން ޖެހެއެވެ. އޭގެ އިތުރުން އެޓީމުގެ އިންޑިއާ ފޯވަޑް ތޮންގްކޮސިއެމް ހައޮކިޕް އަކީ ވެސް ނުރައްކާތެރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ޕަރޯ އެފްސީއާ ދެކޮޅަށް ދެވަނަ ލެގު މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ފުރަތަމަ ލެގު މެޗުގައި ވެސް ބެންގަލޫރުން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ އޭނާއެވެ.