އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހަށް، ސަރުކާރުން ހުށަހަޅާފައިވާ ބިލު ތަކަކީ އެމްޑީޕީގެ އަމާޒުތައް ސީދާ ގޮތަށް ފާހަގަވާ ބިލުތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުންގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު، އަބްދުލްޣަނީ އަބްދުލް ހަކީމް މަޖިލީހަށް ހުށަހެޅުއްވި، ނަފްސާނީ ސިއްހަތުގެ ބިލް އިތުރަށް ފުރިހަމަ ކުރުމަށް، އަނބުރާ ގެންދިޔަކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ބިލުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވަނީ، ސުރުހީތަކެއް ކަމަށާއި، ބަހަނާތަކެއް ކަމަށެވެ.
އެތަކެތި ބިލަކަށް ހަދަނީ މަޖިލީހުން ކަމަށްވެސް ވިދާޅުވިއެވެ.
"ބިލުގެ ގޮތުގައި ބައެއްފަހަރު މިތަނަން ހުށަހެޅެނީ ސުރުހީއެއް، ދެން މި އިއްޒަތްތެރި މަޖިލީހުން ބަދަލުގެނެސް، ބިލަކަށް ހަދައި ރައްޔިުންގެ ވިންދު، ރައްޔިތުންގެ ރުހުން، ރައްޔިތުން ބޭނުންވާ ގޮތް ދެނެގަނެ އެކިއެކި ފަރާތްތަކާ މަޝްވަރާ ކޮށްގެން ބިލެއް ފުރިހަމަ ކުރަނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ބިލެއް ހުށަހަޅާއިރު، މަޝްވަރާ ކުރެވިފައި އޮންނަނީ، ހާމަކަން ބޮޑުގޮތެއްގައި ނޫން ކަމަށާއި، އެއަށް މަޝްވަރާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އޮންނަ ތަނަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އަދި މަޖިލިސް ޑުޕްލިކޭޓްކުރާތަން ފެނިވަޑައިގަންނަވާ ކަމަށާއި އެކަމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށްވެސް މަޖްލިސް ރައީސް ވިދާޅުވިއެވެ.
"ސަރުކާރުން ބިލެއް ހުށަހަޅާއިރުގައި ގިނަ ފަހަރަށް މަޝްވަރާ ކުރެވިފައި އޮންނާނީ އެހާ ބޮޑަށް ހާމަކަން މައްޗަކުން ނޫން، އަދި ސަރުކާރުގެ އެކިއެކި ކަމާބެހޭ ވުޒާރާތަކާއި، އާއްމުންގެ ބައިވެރިވުން ނުވަތަ މަޝްވަރާތައް އެއަށް ގެންނަން އޮންނަ މަޖިލީހަކީ، އެހެންވީމާ މަޖިލިސް ޑުޕްލިކޭޓްކުރުން އެއީ މާބޮޑު ބޭނުންތެރި ކަމެއް ނޫން އަޅުގަނޑުމެންނަށް އެތަން އެބަފެނޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.