ދ. މާއެނބޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު އެ ސްކޫކުގެ ދަރިވަރުންތަކަކަށް ނިވާކަން ކުޑަކޮށް ތިބި ބަޔަކު ފެންނަ ވީޑިއޯއެއް ދެއްކި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ބިދޭސީ ޓީޗަރު އެ ވީޑިއޯ ދައްކާފައި ވަނީ ގްރޭޑް ހަތެއްގެ ދަރުވަރުންނަށް ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި ބިދޭސީ ޓީޗަރު ދަރިވަރުންނަށް އެ ވީޑިއޯ ދައްކާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ލަންކާގެ އެ ޓީޗަރު ދަރިވަރުންނަށް ވީޑިއޯ ދެއްކީ ސްމާޓް ޓީވީން އަޅުވައިގެންނެވެ. ގްރޭޑް ހަތެއްގެ އެ ކުލާހަކީ ދެ ޖިންސުގެ ދަރިވަރުން އެކީގައި ކިޔަވާ ކުލާހެއް ކަމަށް ވެސް އެނގިފައި ވެއެވެ.
ވަން އަށް އިތުރަށް އެނގިފައިވާ ގޮތުގައި، އެ ޓީޗަރަކީ ރާއްޖޭގައި ވަރަށް ގިނަ އަހަރުތަކެއް ވާންދެން މަސައްކަތް ކޮށްފައިވާ ޓީޗަރެކެވެ. އޭނާ މާއެނބޫދޫ ސްކޫލާ ގުޅުނީ މިދިޔަ އަހަރު އެވެ. އޭގެ ކުރީން އޭނާ ހުރީ މާފުށީ ސްކޫލުގަ އެވެ. މި ޓީޗަރު އަދިވެސް ވަޒީފާއަށް ނުކުންނަ ކަމަށް ވަން އަށް ވަނީ އެނގިފަ އެވެ.