އިބްރާހިމް ޒަކީ
ޗައިނާގައި ކޮރޯނާ ވައިރަސް (ކޮވިޑް19) ޖެހޭ މީހުންގެ އަދަދު މަދުވެ މިރޯގާއިން ފަސޭހަވާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ޗައިނާ ސަފީރު ޖަންގް ލީ ޖޮންގް އާ މިއަދު ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކާބެހޭ މައުލޫމާތު މަޖިލީހާ ހިއްސާ ކުރައްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ކޮރޯނާ ވައިރަހާ ބެހޭ ފުރިހަމަ ތަފްސީލު ޗައިނާ ސަފީރު އެމަނިކުފާނަށް ދެއްވި ކަމަށެވެ.
އެގޮތުން އެބަލީގައި މަރުވަނީ ވަރަށް މަދު ބައެއް ކަމަށާއި، ޗައިނާގައި އަލަށް އެބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން މަދުވެފައިވާ ކަމަށް ޗައިނާ ސަފީރު ވިދާޅުވި ކަމަށް މަޖިލިސް ރައީސް ވިދާޅުވި އެވެ. އަދި ކޮރޯނާގައި ރަނގަޅުވާ މީހުންގެ އިންސައްތަ އިތުރުވާ ކަމަށް ވެސް ޗައިނާ ސަފީރާ ހަވާލާ ދެއްވައި މަޖިލިސް ރައީސް ވިދާޅުވިއެވެ.
ސަފީރު ދެއްވި ތަފާސްހިސާބުތަކުގެ އަލީގައި، މަޖިލިސް ރައީސް ވިދާޅުވީ ޗައިނާގައި މަރުވަނީ މި ރޯގާ ޖެހޭ މީހުންގެ ދެ ޕަސެންޓް ކަމަށާއި، މުޅި ދުނިޔޭގައި މި ރޯގާ ޖެހޭ މީހުންގެ ޕޮއިންޓް އެކެއް ޕަސެންޓް މީހުން ކަމަށެވެ.
ނަމަވެސް އާދައިގެ އަރިދަފުސް ރޯގާގައި، އެ ރޯގާ ޖެހޭ މީހުންގެ އެއްޕަސެންޓް މީހުން މަރުވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
""މި ރޯގާގައި ހަގީގަތުގައި މަރުވަނީ، ފުރާނަޔަށް ގެއްލުވާ މިންވަރަށް ކަންތައްދަނީ ވަރަށް މަދު ބަޔަކަށް، މުޅި ޗައިނާގައި ދެ ޕަސެންޓް، ރޯގާ ޖެހޭމީހުންގެ ދެޕަސެންޓް، މުޅި ދުނިޔޭގައި މި ރޯގާ ޖެހޭ މީހުންގެ ޕޮއިންޓް އެކެއް ޕަސެންޓް މީހުން، އަޅުގަނޑު އެއްވެސް ހާލެއްގައި މި ރޯގާގެ މުހިއްމު ކަމާއި ނުރައްކާތެރިކަން ނެތް ކަަމަށް ދަންނަވަނީކީއެއް ނޫން، އެހެން ނަމަވެސް އާދައިގެ އަރިދަފުސް ރޯގާގައި ދުނިޔޭގައި މަރުވޭ އެ ރޯގާ ޖެހޭ މީހުންގެ އެއް ޕަސެންޓް. އަރިދަފުސްރޯގާ ޖެހުނުހާ ބަޔަކަށް މިރޯގާ ޖެހިފައެއްވެސް ނުވޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިވަގުތަކީ ޗައިނާ އާއި ދޭތެރޭގައި، އެންމެންވެސް އިހުލާސްތެރިކަމާއި މަދަދުވެރިކަމާއި އެކުގައި އަމަލުކުރަންޖެހޭ ވަގުތެއް ކަމަށެވެ. އަދި މިއީ ޗައިނާއަށް އެއްވެސް ކަމެއްގައި ދެރަގޮތެއް ވުމަށް ހިތްނިޔަތް ގަނެގެން ވާނެ ވަގުތެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.