އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި އިންޑިއާގެ ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ މާޒިޔާ އިން ބޭނުންވާ ނަތީޖާ ނެރެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވީ އެންމެ ރަނގަޅަށް ކޮށްގެން ކަމަށް މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.
މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުނީ ބެންގަލޫރާ ދެކޮޅަށް މާޒިޔާ އިން ނިކުންނާނީ ކުރީގެ ތަޖުރިބާއަށް ބަލައި މާދަމާގެ މެޗުން މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.
މާޒިޔާއިން ވަނީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި 2017 ވަނަ އަހަރު ސެކްލޮވްސްކީގެ ކޯޗްކަމުގެ ދަށުން ބެންގަލޫރާ ދެކޮޅަށް ކުޅެފަ އެވެ. މާޒިޔާ އިން މި މުބާރާތުގައި މިހާތަނަށް ބެންގަލޫރާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2015 އާއި 2017 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގަ އެވެ. މީގެ ތެރެއިން 2017 ވަަނަ އަހަރު ބެންގަލޫރު އަތުން ދެ ފަހަރު ވެސް މާޒިޔާ ބަލިވީ 1-0 އިންނެވެ. އެ ދެ މެޗުގައި ވެސް ދިޔައި ވަރަށް އެއްވަރުކޮށެވެ.
ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު މާލޭގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެކަމަށް އިޝާރާތްކޮށް ސެކުލޮސްކީ ބުނީ އެކަން ތަކުރާރުވިޔަ ނުދޭނެ ކަމަށާއި ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ބޭނުން ހިފުމުގެ މުހިއްމުކަން ކުޅުންތެރިންނަށް ވިސްނައިދޭނެ ކަމަށެވެ.
އަނިޔާގެ ސަބަބުން މާދަމާގެ މެޗުގައި ބެންގަލޫރުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ސުނިލް ޗެތުރީ ނުކުޅެ އެވެ. ސުނިލް ޗެތުރީ އަކީ އިންޑިއާގެ ގައުމީޓީމުގެ ކެޕްޓަންއެވެ.
އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގައި މާޒިޔާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.