ކުޅިވަރު

އިކާ ކަސިއަސް، ސްޕެއިން އެފްއޭގެ ރައީސްކަމަށް ވާދަކުރަން ނިންމައިފި

ސްޕެއިންގެ ރޯޔަލް ފުޓްބޯލް ފެޑްރޭޝަން (އާރްއީއީއެފް)ގެ ރައީސް ކަމަށް ވާދަ ކުރަން ނިންމަފައިވާ ކަމަށް ސްޕެއިންގެ ލެޖެންޑަރީ ގޯލްކީޕަރު އިކާ ކަސިއަސް އިއުލާން ކޮށްފި އެވެ.

ސްޕެއިންގެ އެފްއޭއިން ދައުރު ހަމަވުމުގެ ކުރިން އިންތިހާބަކަށް ދާން ނިންމީ، މިހާރުގެ ރައީސް ލުއިސް ރުބިއަލެސް އިސްނެގުމުގެ މަތިންނެވެ. އިންތިހާބަކަށް ދާން އޭނާ ނިންމީ ޔޫރޯ އާއި އޮލިމްޕިކް ގޭމްސްގެ ކުރިން އިންތިހާބު ކާމިޔާބު ކުރާ ރައީސް ފެޑްރޭޝަންގެ މަސައްކަތް ފަށަން ޖެހޭނެ ކަމަށް ދެކޭތީ އެވެ.

އެކަމާ ބެހޭގޮތުން ގޮތެއް ނިންމުންމަށް ހުށަހަޅާފައި ވަނީ ސްޕޯޓްސް އާބިޓްރޭޝަން ކޯޓަށެވެ. މި މަސް ނިމުގެ ކުރިން އެކަމާ ބެހޭގޮތުން ގޮތެއް ނިންމާނެ އެވެ. އެހެން ކަމުން ބެލެވެނީ މެއި މަހު ސްޕެއިންގެ ފެޑްރޭޝަންގެ އިންތިހާބު ބާއްވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ޕޯޓޯގެ ޕްރެކްޓިހުގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެން ފުޓުބޯޅަ އާއި ދުރުގައި ކަސިއަސް އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސްޕެއިންގެ އެފްއޭގެ އިންތިހާބުގައި ވާދަކުރާނެކަން ކަސިއަސް އިއުލާން ކޮށްފައިވާއިރު ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އަދި އިއުލާނެއް ނުކުރެއެވެ.

ކަސިއަސްގެ ކެޕްޓަން ކަމުގެ ދަށުން ސްޕެއިން ވަނީ 2010 ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި އޭނާގެ ކެޕްޓަންގެ ދަށުން ޔޫރޯގެ ޗެމްޕިއަންކަންވެސް ދެ ފަހަރު ހޯދި އެވެ. ކަސިއަސްގެ ފުޓްބޯޅައިގެ ބޮޑު ބައެއް ރެއާލް މެޑްރިޑްގައި ހޭދަ ކުރިއިރު އޭނާ އަކީ އެ ކުލަބުގެ ކުރީގެ ކެޕްޓަންވެސް މެ އެވެ.