މަޖިލީހުގެ ރައީސް

އެއްވެސް ބޭފުޅަކު އަަޅުގަނޑު ކައިރީގައި ސިއްރުން ދައްކާނެ ވާހަކައެއް ނޯންނާނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

އެއްވެސް ބަޔަކު އަދި އެއްވެސް ބޭފުޅަކު އެމަނިކުފާނުގެ ކައިރީގައި ސިއްރުން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް މިހެން ވިދާޅުވީ، ޓީއެމްއޭގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތަހުގީގު ކުރުމަށްފަހު، މަޖިލީހުގެ ރައީސަށް ރިޕޯޓް ފޮނުވި ސިޓީ އުރައިގެ ބޭރުގައި ސިއްރު ޖަހާފައި އޮތުމުން އެއީ ސިއްރު ރިޕޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުމާ ގުޅިގެން، އެއީ ސިއްރު ރިޕޯޓެއް ނޫން ކަމަށް އޭސީސީން އިއްޔެ ބުނި މައްސަލައަށް ވާހަކަފުޅު ދައްކަވުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެމްއޭސިއެލްއާ ގުޅޭ އޭސީސީގެ ރިޕޯޓާކީ ސިއްރު ރިޕޯޓެއް ކަމުގައި އެމަނިކުފާނު އިއްޔެ ވިދާޅުވީ، އެ ރިޕޯޓު ފޮނުވި ސިޓީގެ ބޭރުގައި ސާފުކޮށް ބޮޑު އަކުރުން ސިއްރު ޖަހާފައި އޮތުމުން ކަމަށެވެ.

"އެމްއޭސީއެލްއާ ގުޅޭ އޭސީސީގެ ރިޕޯޓަކީ ސިއްރު ރިޕޯޓެއް ކަމުގައި އަޅުގަނޑު ދެންނެވީ އޭގެ ބޭރުގައި ސިއްރު ޖަހާފަ އޮތީމަ، ވަރަަށް ސާފު ބޮޑު އަކުރުން، ދެން އެހެން ނަމަވެސް މިއަދު މި އެނގުނީ އެއީ އެ ސިޓީކަން ސިއްރުވީ، ސިޓީގެ ބޭރުގައި ވިއްޔަ ޖަހާފަ އޮތީ، އޭސީސީން އެބައޮތް ވިދާޅުވެފަ އެއީ ސިއްރެއް ނޫނޭ، އެހެންވީމާ އަޅުގަނޑު މިދެކެނީ އެ ސިޓީއޭ ސިއްރުވެފަ އެއޮތީ، ރިޕޯޓް އެއޮތީ ނެރެވިފަ. ކޮންމެ ގޮތެއް ވިޔަސް އަޅުގަނޑަށް އެ ލިބުނު އިރުގައި ބޭރުގައި ސިއްރު ބޮޑުއަކުރުން ޖަހާފަ އޮތީމާ އަޅުގަނޑު ތަކުރާރުކޮށް އެތައް ފަހަރަކު އަމީން އާއްމު އަރިހުގަ އާއި ކައުންސެލް ޖެނެރަލް އަރިހުގައި ދެންނެވިން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ސިއްރު ޖަހާފައި ތަންތަނުން ކިތަންމެ ވަރަކަށް އެމަނިކުފާނަށް އެއްޗެހި ފޮނުއްވި ނަމަވެސް، ހަމަ އެ ސިއްރު މިނުގައި މަޖިލީހުގައި ތިއްބެވި 87 މެންބަރުންނަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދައުލަތާއި ސަރުކާރުގެ އެއްވެސް ބޭފުޅަކުވެސް އެމަނިކުފާނު އަރިހުގައި އެކަނި ދައްކާނެ ސިއްރު ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކޮންމެ ވާހަކައެއް މަޖިލީހުގެ 87 މެންބަރުންނަށް ސިއްރުން ދަންނަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ސިއްރު ޖަހާފަ ކިތަންމެ ވަރަކަށް އެއްޗެހި ފޮނުވިޔަސް ހަމަ އެ ސިއްރުމިނުގައި ތިޔަ 87 މެންބަރުންނަށް އަޅުގަނޑު ފޯރުކޮށްދޭން ބޭނުން. އެއީ މިތަނުގައި ސިއްރު ހިފަހައްޓާ ގޮތަކީ، އަޅުގަނޑު ކައިރީގައި އެކަނި ދައްކާނެ ސިއްރު ވާހަކައެއް މި މަޖިލީހުގައި ނޯންނާނެ، ސަރުކާރުގެ އެއްވެސް ބޭފުޅަކުވެސް ދައުލަތުގެ އެއްވެސް ބޭފުޅަކުވެސް މަޖިލިސް ރައީސް ކައިރިޔަކު ސިއްރުން ވާހަކައެއް ދައްކަވައިގެން ނުވާނެ، އަޅުގަނޑަށް އެނގޭ ވާހަކައެއް ވެއްޖެއްޔާ 87 މެންބަރުންނަށް ހަމަ ސިއްރުން އަޅުގަޑު ދަންނަވާނަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.