އިބްރާހިމް ޒަކީ
ސީޕްލޭން ޓާމިނަލް މައްސަލައިގައި، ޓީއެމްއޭއިން ވެސް އަދި އެހެންމީހަކުވެސް ފައިސާއެއް ދީފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު މިހެން ވިދާޅުވީ، ޓީއެމްއޭ އިން 13 މިލިއަން ޑޮލަރު މަޖިލިސް ރައީސަށް ލިބިވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓީއެމްއޭ އިން 13 މިލިއަން ޑޮލަރު ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުން ބޭނުން ކުރައްވައިގެން އެ މައްސަލަ އޮއްބާލަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، "ޓީއެމްއޭވެސް އެހެންމީހަކުވެސް އަޅުގަނޑަކަށް ރުފިޔާއެއް ނުދޭ، ނުވެސް ދޭނެ ދޭކަށް ނުވެސް އުޅޭނެ، މީހަކު އެކަމަކާ ނުވެސް ވިސްނާނެ،" ކަމަށެވެ.
އަދި އެމަނިކުފާނަށް އެގޮތަށް އެއްޗެއް ދެއްވަން އުޅެފިއްޔާ ވާނެ ގޮތް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެއްވެސް ބޭފުޅަކު ރިޝަވަތުގެ ގޮތުގައި ނުވަތަ ވަކިކަމެއް ވަކި ގޮތަކަށް ކުރުވުމުގެ ނިޔަތުގައި، އެމަނިކުފާނާ ރަހުމަތްތެރިވެ، ވާހަކަ ދައްކައި ނުހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.