އިބްރާހިމް ޒަކީ
ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ދިނުމުގެ މައްސަލައިގައި ސަރުކާރުގެ އެންމެ ފަހު ބަހަކީވެސް، އަދި އެކަމުގައި ހަމައެކަނި އޮތް ބަހަކީވެސް، 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،400 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޓީއެމްއޭއަށް ޓާމިނަލް ދިނުމުގެ މައްސަލައާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ކަމާބެހޭ ފަރާތްތައް ޒިޔާރަތް ކުރުމަށްފަހު، ރޭ އެ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ހާޒިރުކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތް ފާހަގަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ރައީސް ވިދާޅުވީ، އެ ކަމުގައި ސަރުކާރުގެ ސިޔާސަތު ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ސާފުކޮށްދެއްވާފައިވާ ކަމަށެވެ.
އެއީ 10.35 ޑޮލަރުގެ ރޭޓުން، ސީޕްލޭން ޓާމިނަލުން 6،400 އަކަމީޓަރުގެ ޖާގަ ޓީއެމްއޭއަށް ދިނުމަށްފަހު، ޓާމިނަލް ބޭނުން ކުރާ އެހެން ކުންފުނިތަކުގެ ހިއްސާ މާކެޓްގައި މަސައްކަތްކުރާ މިންވަރަށް ބަލައި، މިވަގުތު އެފަރާތްތަކަށް ލިބިދީފައިވާ ލައުންޖްގެ އަދަދު ވެސް 10.35 ޑޮލަރުގެ ރޭޓުން ދިނުން ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، އެއަށްފަހު ބާކީ އޮންނަ 21،000 އަކަމީޓަރު އަލުން ޓެންޑާކޮށް ކުރިހާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.
"އެ ހުށަހެޅުމުގައި އެނގިވަޑައިގަންނަވާނެ މިވަނީ 6،400 ސްކެއާ މީޓަރު ޓީއެމްއޭއަށް ދިހަ ޑޮލަރު ތިރީސްފަސް ސެންޓުގެ އަގުގައި ދެވޭނެ، އަދި ހަމަ އެއާ އެކީގައި ޓާމިނަލް ބޭނުން ކުރާ، މިވަގުތު ކަނޑަށް ޖައްސާ މަތިންދާބޯޓު ގެންގުޅޭ ހުރިހާ ކުންފުނިތަކަށް ވެސް މިވަގުތު އެ ކުންފުނިތަކުގެ ހިއްސާ ޝެއާ މާރުކޭޓުގައި އެމީހުން މަސައްކަތް ކުރާ މިންވަރަށް ބަލައި މިވަގުތު، އެމީހުންނަށް ލިބިދީފައި އޮތް ލައުންޖްގެ އަދަދު، އެމިންވަރަށް ހަމަ 10:35 އަށް އެ ކުންފުނިތަކަށްވެސް ލިބޭނެ، ބާކީ އޮންނަ އެކާވީސް ހާސް އަކަމީޓަރު އަލުން އަނބުރާ ޓެންޑަ ކުރެވޭނެ އެއީ ހުރިހާ އެންމެނަށް ޓެންޑަރަށް ހުޅުވާލެވޭ ހުޅުވާލެވުމަކީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާގެ އެ ނިންމެވުމަކީ ދުރުވިސްނޭ، ފުޅާ، ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި ކުރީ ސަރުކާރުން މަސައްކަތް ކޮށްފައި އޮތީ ހީލަތާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދިނުމަށް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލު އެވަނީ އެނިންމުން ބަދަލު ކުރައްވައި، މާ ފުރިހަމަ އާ ނިންމެވުމެއް ނިންމަވާފައި ކަމަށެވެ.