ކުޅިވަރު

ތައިލެންޑުގައި ކުޅޭ ޗައިނާ-ރާއްޖެ މެޗަށް ސަޕޯޓަރުންނެއް ނުވައްދާނެ

އައިދާ އަބްދުލް ހަކީމް

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފައިންގައި ޗައިނާގައި ރާއްޖެ އާއި ޗައިނާ ކުޅެން ހަމަޖެހިފައި އޮތް މެޗު، ކޮރޯނާ ވައިރަސް (ކޮވިޑް-19)ގެ ސަބަބުން ތައިލެންޑަށް ބަދަލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ސަޕޯޓަރުން ނުވައްދައި މެޗު ކުޅޭގޮތަށް ވާހަކަ ދެކެވިފައިވާ ކަމަށް ޗައިނާގެ މީޑިއާތަކުން ބުނެފިއެވެ.

ޗައިނާގައި ވޫހާން އިން ފެނި މިހާރު ޗައިނާގައި ހަލުވިކަމާ އެކު ފެތުރި އެހެން ގައުމުތަކަށް ވެސް އޭގެ އަސަރުކުރަމުންދާ ވައިރަހުގެ ސަބަބުން އަންނަ މަހު ޗައިނާ އާއި ރާއްޖެ ކުޅޭ މި މެޗު އެހެން ގައުމަކަށް ބަދަލުކުރާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ. ޗައިނާގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެ މެޗު ތައިލެންޑުގައި ކުޅެން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ.

ކޮލިފައިންގައި ރާއްޖޭން ސެޕްޓެމްބަރު މަހު މާލޭގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 5-0 އިންނެވެ. މާލޭގައި ކުޅުނު މެޗުގައި ޗައިނާގެ ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ވަނެވެ. އޭރު ރާއްޖޭގެ ކޯޗަކަށް ހުރީ ކުރީގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް އެވެ. އަދި ޗައިނާގެ ކޯޗަކަށް ހުރީ އިޓަލީ އަށް 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީ އެވެ. މި ދެ ޓީމުގެ ވެސް ކޯޗުން މިހާރު ވަނީ ބަދަލުވެފަ އެވެ. ރާއްޖޭގެ ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހުރިއިރު، ޗައިނާ ކޯޗުކަމުން ލިއްޕީ ވަކިވުމުން އެ ޓިމާ ހަވާލުވީ ކުރިން އެސިސްޓަންޓް ކޯޗަކަށް މަސައްކަތް ކޮށްފައިވާ ލީ ޓައި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ފިލިޕީންސަށް ހަތް ޕޮއިންޓް ހަމަކުރެވުނީ ފަސް މެޗުންނެވެ. ހަތަރު ވަނައިގައި އޮތް ރާއްޖެ އަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.