ބޮލީވުޑް

މިސްޓަ އިންޑިއާގެ ޓްރިލޮޖީއެއް އުފައްދަނީ

ގިނަ އަޑުތަކެއް ފެތުރުމަށްފަހު އެންމެ ފަހުން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ރަސްމީކޮށް މިވަނީ ފިލްމު މިސްޓަ އިންޑިއާގެ ކެރެކްޓަރުން ބޭނުން ކޮށްގެން އާ ފިލްމެއް އުފައްދާ ވާހަކަ ބުނެފައެވެ.

1987ގައި ރިލީސްކުރި އައިކޮނިކް ފިލްމު މިސްޓަ އިންޑިއާގައި ލީޑް ރޯލުން ފެނިގެން ދިޔައީ އަނިލް ކަޕޫރާއި ސްރީދޭވީއެވެ.

އަލީ އައްބާސް އޭނާގެ ޓުވިޓާގައި ކުރި ރަސްމީ އިއުލާނުގައި ބުނެފައިވަނީ އޭނާ އުފައްދަން ނިންމާފައިވަނީ ޓްރިލޮޖީއެއް ކަމަށެވެ. ޓްރިލޮޖީ އަކީ(ފިލްމެއްގެ ތިން ކަމެއް ބޭނުން ކޮށްގެން އުފައްދާ ފިލްމު، މިސާލަކަށް ކެރެކްޓަރުން، ތީމް އަދި ވާހަކައިގެ ދެވަނަ ބައެއް) ހިމެނޭ ގޮތަށް އުފައްދާ ފިލްމެވެ.

އޭނާގެ ޓުވީޓުގައި އިތުރަށް ބުނީ ފިލްމަށް ތަރިން އަދި ހޮވާފައި ނުވާ ކަމަށެވެ. މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ސްކްރިޕްޓްގައި ކަމަށާއި ފުރަތަމަ ޑްރާފްޓަށްފަހު ތަރިން ހޯދުމުގެ މަސައްކަތް ފަށާނެކަމަށް ޓުވީޓުގައި ވެއެވެ.

ގިނަ ފޭނުން މިހާރު އަންނަނީ މި ފިލްމަށް ސަލްމާން ޚާން ހޮވުމަށް އެދެމުންނެވެ. ފޭނުން ބުނާ ގޮތުގައި އަނިލް ކުޅުނު ރޯލު އެންމެ މޮޅަށް ދެން ކުޅެވޭނެ ތަރިޔަކީ ސަލްމާން އެވެ. އަދި ސަލްމާން އާއި އަލީ އެކުގައި ހަދާ ފިލްމު ތަކަކީވެސް މިހާތަނަށް ވަރަށް ކާމިޔާބު ފިލްމެއް ތަކެއް ކަމުން ފޭނުން އެ ކޮމްބޯ ބަަލަން ބޭނުންވާ ކަމަށް އަންނަނީ ބުނަމުންނެވެ.

މި ފިލްމަށް ތަރިން އަދި ނުހޯދާ ކަމަށް އަލީ ބުނި ކަމުގައި ވިޔަސް މީގެ ކުރިން ވަނީ ބާދްޝާ ޝާހުރުކް ޚާނާއި ރަންވީރު ސިންގު ފިލްމުން ފެނިގެންދާނެ ކަމުގެ އަޑުތަކެއް އަރާފައެވެ. އޭރުގެ ރިޕޯޓުތަކުގައި އަނިލްގެ ރޯލުން ރަންވީރު ފެނިގެންދާނެ ކަމަށް ބުނެފައިވާއިރު ޝާހު ފެނިގެންދާނީ އަމްރިޝް ޕޫރީ ކުޅެފައިވާ އައިކޮނިކް ރޯލު "މޮގެމްބޯ"ގެ ރޯލުން ކަމަށް ވެއެވެ.