އިބްރާހިމް ޒަކީ
މާލޭގެ ހުރިހާ މަގެއް އަލުން ހެދުމަށް 462 މިލިޔަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށައިފި އެވެ.
މި މަޝްރޫއުގެ ދަށުން ފުރަތަމަ ހަދަންފަށާ މަގު ކަމުގައިވާ، މާފަންނު ކަނބާއައިސާ ރަނިހިނގުން (ވެސްޓްޕާކް) ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު ފައްޓަވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މި މަޝްރޫރުގެ ދަށުން މާލޭގެ މަގުތައް ހަދަމުންދާއިރު، ކޮންސްޓްރަކްޝަން ތަންތަނުން ފެން ބޭރުކުރާ ހޮޅިތައް އެތެރެއަށް ލެވިގެންދާނެ ކަމަށެވެ. އަދި ފެންހިންދ ނިޒާމު އިތުރަށް ރަނގަޅު ކުރާއިރު، ފެނބޮޑުވުމުން ރައްޔިތުންނަށް ދިމާވާ ގެއްލުންތަކުން ސަލާމަތްވާނެ ކަމަށެވެ.
އަދި ނަރުދަމާ ނިޒާމާއި ކަރަންޓް ވިއުގަ އާއި މުއާސަލާތީ ހިދުމަތްތައް ދިނުމުގައި މަގުތައް ކޮނެގެން ހަލާކު ނުކޮށް ފަސޭހައިން ކަންކަން ކުރެވޭނޭ ގޮތްތައް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މޭޔަރު ވިދާޅުވީ، މިފަހަރު ހަދާއިރު މާލޭގެ މަގުތައް ފަން ގިންދިއަކަށް ދަރަޖަ ކުރެވިގެންދާނެ ކަމަށެވެ.
އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ ބަރު އުޅަނދު ފަހަރަށް، ހަތަރު ފުރޮޅުލީ އާދައިގެ އުޅަނަދު ފަހަރަށް، ދެފުރޮޅުލީ އިންޖީނު އުޅަނދު ފަހަރަށް، އިންޖީނު ނުލާ އުޅަނދު ފަހަރަށް، ހަމައެކަނި ފައިމަގުގައި ހިނގާފައި އުޅެވޭނެ މަގުތައް، ކަނޑައެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަގުތަކުގައި ޕާކު ކުރެވޭނީ، ނިސްބަތުން ކަނޑައެޅިގެންކިތައް ޕާކިން ވެހިކަލްތައްކަން އެނގިގެންދާނެ ކަމަށާއި، ޕާކިން ބިލްޑިންގު ތަކާއި ސަރަހައްދުތައް ހެދިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ، ހުރިހާ މަގެއްގައިވެސް ޕޭމަންޓް ހިމެނޭނެ ކަމަށާއި، އެންމެ ހަނި، މިހާރު ދުވާރު ނެތް މަގުތަކުގައިވެސް 18 އިންޗީގެ ދުވާރެއް ލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަގުތައް ފަރުމާ ކުރެވޭނީ މަގު ބައްތިތަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަ ގޮތަށް ކަމަށާއި، މުޅި އާ ކެމެރާ ސިސްޓަމެއް މަގުތަކުގަިއ ބެހެއްޓޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ، މި ޕްރޮޖެކްޓް ފަރުމާ ކުރެވިފައިވަނީ، މަޅޭގެ ޓްރެފިކަށް ހައްލު ގެނައުމަށާއި، ބަސްދަތުރުގެ ނިޒާމަށް މަގުފަހި ކުރުމަށް ކަމަށެވެ.
އެގޮތުން ސްކޫންކުދިންނާއި އާއްމުންނަށް ބަހުގެ ދެ ރޫޓެއް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއވެ.
ޝިފާ ވިދާޅުވީ، ކޮންމެ ގެއަކުން ނިކުމެގެންވެސް ތިން މިނިޓްގެ ތެރޭގައި ބަސް ދަތުރަކާ ހިސާބަށް ދެވޭނެ ކަމަށެވެ.
ޝިފާ ވިދާޅުވީ، ޕައިލެޓް ޕްރޮޖެކްޓްރެ ގޮތުގައި ފުރަތަމަ ހަދަން ފަށާ މަގުތައް ދެމަސް ދުވަހުގެ ތެރޭގައި ހަދާނިމޭނެ ކަމަށެވެ.
އަދި ޕައިލެޓް ޕްރޮޖެކްޓަށް 50 މިލިޔަން ރުފިޔާ ހަރަދުވާއިރު، ދެ އަހަރު ދުވަހުގެ މުޅި ޕްރޮޖެކްޓަށް 462 މިލިޔަން ރުފިޔާ ހަރަދުވާ ކަމަށެވެ.
އާރުޑީސީއާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ދެމުން އާރުޑީސީން ބުނީ، މިފަހަރު މަގުތައް ހަދަނީ, ވެހޭފެން ރައްކާ ކުރެވޭ ގޮތަށާއި، އަވަހަށް ފެން ހިނދިގެންދާ ގޮތަށް ކަމަށެވެ. އޭގެ އިތުރުން ފެން ބޭރު ކުރާނެ އިތުރު ހޮޅިއެއް މަގަށް ލެވޭނެ ކަމަށްވެސް ބުންޏެވެ.
އާރުޑީސީން ބުނީ މަގު ހަދަނީ ހުޅުމާލޭގައި އޮންނަ ގޮތަށް މީގެ ފަހުން ހުރިިހާ ކޭބަލަކާއި ހޮޅިއެއް މަގުގެ އަރިމަތިން ގެންދާ ގޮތަށް ކަމަށެވެ. އަދި ކޮންކްރީޓް މަސައްކަތްކޔރާ ތަންތަނުންވެސް ފެން ބޭރުކުރަން މަގުމަތީގައި ހޮޅިއަޅަން ނުޖެހި މަހުގެ އަރިމަތިން އަޑިން ދުއްވާފައި އޮން ހޮޅިއަކާ ގުޅޭގޮތަށް ނިޒާމު ހަމަޖެހިގެންދާނެ ކަަމަށްވެސް ބުންޏެވެ.
އެ ކުންފުނިން ބުނީ، މިފަހަރު މަގު ހަދާއިރު، ހަނިގޯޅިތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ފެންޖެހޭނެ ނިޒާމުވެސް ހަމަޖެހިގެންދާނެ ކަަމަށެވެ.
އަދި މިބޮޑު މަޝްރޫއު ކުރިއަށް ގެންދަނީ އެއްވެސް ރައްޔިތަކަށް ހިދުމަތް ނުކެނޑޭގޮތަަށް އަދި އެމަސައްކަތްކުރާ މަގުގެ މަސައްކަތް ކުރާހިސާޞު އެކަނި ބަނދު ކޮށްލެވޭ ގޮތަށް މަގުތަށް ތާށިނުވާ ގޮތަށް ކަމަށްވެސް ބުންޏެވެ.
މި ޕްރޮޖެކްޓްގެ ދަށުން ޕާކިން ބިލްޑިންގ ތަކާއި ޕާކިން ލޮޓްތައް ގާއިމް ކުރަން ވަނީ ހަމަޖެހިފައެވެ.