އިސްލާމީ ތާރީޚު

ޙިޖާޒުގެ ޤާފިލާ 35

އަބްދުﷲ ފާރޫގް ހަސަން

4

(15 ފެބުރުއަރީގެ އަދަދާ ގުޅޭ)

ބޭސްވެރިޔާ ޖަވާބު އެރުވިއެވެ. "މަނިކުފާނަށް އަރާމުކުރެއްވުނީ އަދި އެންމެ ދަމެއްހައިއިރުއެވެ. އިރުކޮޅެއްގެފަހުން އަޅުގަނޑު އެހެން ބޭސްކޮޅެއް އަރުވާނަމެވެ. އޭރުން ފަތިސްވާންދެން އަރާމުގައި އަވަހާރަފުޅު ލެއްޕެވޭނެއެވެ."

قبــاد ވިދާޅުވިއެވެ. "އަޅުގަނޑު ހީކޮށްގެންހުރީ ކަލާ މިތަނަށް ފޮނުވީ މަދާއިނުން އަޅުގަނޑުގެ ދަރިފުޅު ކަމަށެވެ. ނަމަވެސް ماه بانو ބުނަނީ ކަލާ ދުރުވީ ހީރަތުން ކަމުގައެވެ. އޭރު އަޅުގަނޑަށް މާބޮޑަށް އުނދަގޫވާތީ ކަލާއާ ވާހަކަ ނުދެއްކުނީއެވެ."

ބޭސްވެރިޔާ ޖަވާބުދިނެވެ. އަޅުގަނޑުއައީ ހީރަތުގެ ގަވަރުނަރުގެ އަމުރުފުޅަށެވެ. އޭނާ އަޅުގަނޑު ގާތުގައި ވިދާޅުވީ ކަލާގެ ދަރިކަލުންނަކީ ޝަހެންޝާހުގެ ޚާއްޞަ ގާޑުންގެ ލަޝްކަރުގެ ބޭފުޅެއްކަމަށާއި، އެލަޝްކަރުގެ އެންމެ އިސްވެރިޔާ އެދިވަޑައިގަންނަވަނީ އަޅުގަނޑު ވަގުތުން މަނިކުފާނަށް ބޭސްކޮޅު ހަދާން މިރަށަށް އައުން ކަމަށެވެ."

"ޝާހީ ގާޑުގެ ކޮމާންޑަރ އިން ޗީފް ކަލާ ދެނެވަޑައިގަންނަވާތޯއެވެ؟"

"އާދޭހެވެ. އޭނާއަކީ ހީރަތުގެ ގަވަރުނަރުގެ ރަޙުމަތްތެރިޔެކެވެ. އެއްފަހަރަކު އޭނާ އާލާސްކަންފުޅާވެގެން އޭނާއަށް ބޭސްކޮޅު ހަދަން އަޅުގަނޑު މަދާއިނަށް ފޮނުވުނެވެ. އޭގެފަހުން އޭނާގެ ގާތްބޭފުޅަކު ނުވަތަ ރަޙުމަތްތެރިޔަކު އާލާސްކަންފުޅާ ވެއްޖެނަމަ އޭނާ އަޅުގަނޑު ބަލައިފޮނުއްވައެވެ."

قبــاد ވިދާޅުވިއެވެ. "އަޅުގަނޑު ހައިރާން ވެއްޖައީމެވެ. މަދާއިނުގެ އެހައި ނުފޫޒުހުރި ބޭފުޅަކާ ރަޙުމަތްތެރިކަން އުފެދުމުންވެސް ކަލާ ހީރަތުގައި އުޅުއްވަނީ ކީއްވެގެންތޯއެވެ؟"

ބޭސްވެރިޔާ ހީނލައިފައި ދެންނެވިއެވެ. "އަޅުގަނޑަކީ ހީރަތުގެ ގަވަރުނަރުގެ އަޅަކީމެވެ. އަޅުގަނޑަކީ އޭނާގެ އަޅެއްކަމުގައި ނުވިޔަސް އަމިއްލަ ރުހުމުގައި މަދާއިނަކު ނުހުރީމުހެވެ. އެހެނީ އަޅުގަނޑަކީ ކްރިސްޓިޔަނަކީމެވެ. ކްރިސްޓިޔަނަކަށް މަދާއިނުގެ ވެށި މާކަރަނގަޅެއް ނުވާނެކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެއެވެ."

قبــاد ވިސްނުންތެރިކަމާއެކު އޭނާއާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު ވިދާޅުވިއެވެ. "ކަލާއަކީ އީރާނު މީހެއް ނޫންދޮގެއްތޯއެވެ؟ ހީވަނީ ކަލާއަކީ ޢަރަތްބެއްވެސް ނޫންހެންނެވެ!"

ބޭސްވެރިޔާ ހީނލިއެވެ. "ސާހިބާއެވެ! ތިޔަ ހީފުޅުކުރެއްވީ ރަނގަޅަށެވެ. އަޅުގަނޑުގެ މައިންބަފައިންނަކީ ގްރީކުންނެވެ. އެބައިމީހުން އަންޠާކިޔާގައި ވަޒަންވެރިވީއެވެ. ކިސްރާ އަނޫޝިރުވާން އެރަށަށް ފަތަޙަކުރެއްވުމަށްފަހު އަޅުގަނޑުމެން ހައްޔަރުކުރެވިގެން ގެންދެވުނީ މަދާއިނަށެވެ. ދަތުރުމަތީގައި އަޅުގަނޑުގެ މަންމަ ނިޔާވެއްޖެއެވެ. އޭރު އަޅުގަނޑުގެ ޢުމުރަކީ ތިންއަހަރެވެ. އަޅުގަނޑު ބޮޑުވެ ތަޞައްރަފު ފުދުމުން އެނގުނީ އަޅުގަނޑާއި އަޅުގަނޑުގެ ބައްޕައަކީ އީރާނު ސިފައިންގެ އޮފިސަރެއްގެ އަޅުންކަމެވެ.

އަންޠާކިޔާގައި އަޅުގަނޑުގެ ބައްޕަޔަކީ ވަރަށްމޮޅު ބޭސްވެރިޔެކެވެ. މަދާއިނަށް އައުމަށްފަހުވެސް އޭނާގެ ކުޅަދާނަކަން ވަންހަނާވެފައެއް ނޯތެވެ. އަޅުގަނޑުމެންގެ ސާހިބާގެ އެއްވެސް ބޭފުޅަކު ނެތެވެ. އަޅުގަނޑުގެ ބައްޕަ އޭނާއަށް ބޭސްކޮޅު ހެދިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެއަށްފަހު އަޅުގަނޑުމެންގެ ޙާލުވެސް އަޅުންނަށްވުރެ ރަނގަޅުވެއްޖެއެވެ.

އަޅުގަނޑަށް ވިހިއަހަރަށް އޮއްވައި އަޅުގަނޑުގެ ބައްޕަ މަރުވެއްޖެއެވެ. އޭރު ބައްޕަވަނީ އަޅުގަނޑަށް ބޭސްވެރިކަމުގެ ވަރަށްގިނަ ކަންތައްތަކެއް ދަސްކޮށްދެއްވައިފައެވެ. ދުވަސްކޮޅެއްގެ ފަހުން އަޅުގަނޑުމެންގެ ސާހިބާގެ ދަރިކަލުންނަށް ހީރަތުގެ ގަވަރުނަރުކަން ލިބިވަޑައިގެންފިއެވެ. އަޅުގަނޑުވެސް އޭނާގެ އަރިހުގައި ހީރަތަށް ހިނގައްޖައީމެވެ. ކިސްރާ ޕަރުވޭޒު ބަލިވުމަށްފަހު އަޅުވެތިކަމުގައި ތިބިއެންމެންނަށް މިނިވަންކަން ލިބުނެވެ. ނަމަވެސް އަޅުގަނޑު ހީރަތު ދޫކުރާކަށް ޤަޞްދެއް ނުކުރީމެވެ. ހީރަތުގެ ގަވަރުނަރު އަޅުގަނޑަށް ވަރަށް ހެޔޮފުޅެވެ. އަޅުގަނޑުގެ ދީނީ ކަންތައްތަކަކާ ބެހިވަޑައެއް ނުގަންނަވައެވެ. އަޅުގަނޑު އަޑުއަހައިފައިވާގޮތުގައި މަނިކުފާނުވެސް ޢީސާއީންނަކަށް ނަފްރަތެއް ނުކުރައްވަމުއެވެ."

قبــاد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ފޫހިވަނީ ޢީސާއީންކުރެ ކިސްރާގެ ރައްޔިތުންކަމުގައި ވެތިބެ ކިސްރާއަށްވުރެ ބޮޑަށް ޤައިޞަރަށް އިޙުތިރާމުކުރާ މީހުން ދެކެއެވެ. އީރާނު ސަރުކާރަށް ވަފާތެރި ޢީސާއީންނަކަށް އަޅުގަނޑު ދުވަހަކުވެސް ޝަކުވާކުރާނެ ފުރުޞަތެއް ނުދެމެވެ."

ބޭސްވެރިޔާ ބުންޏެވެ. "ކިސްރާއާއި ޤައިޞަރުގެ މުޝީރުންގެ ހިތްޕުޅު މަނިކުފާނުގެ ހިތްޕުޅުހައި ތަނަވަސްނަމަކަ ފާރިސީންނާއި ރޫމީންގެ ވޭތުވެދިޔަ ހަނގުރާމަތަކުގެ ބިރުވެރިކަން ދުނިޔެއަކަށް ނުފެނުނީހެވެ. ނަމަވެސް މިހާރު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ހިތާމަވެރި މާޒީން ފިލާވަޅުތަކެއް ލިބިއްޖެހެންނެވެ. މުސްތަޤްބަލުގައި ދެޤައުމުގެ ދެމުގައި އަމްނުއަމާންކަމާއި ރަޙުމަތްތެރިކަން އޮތުމަކީ ދެފަރާތަށްވެސް ސަލާމަތްހުރި ގޮތްކަމުގައި ދެކޭމީހުން މަދާއިނާއި ޤުސްޠަންޠީނިއްޔާގައި މިހާރަކު މަދެއްނޫނެވެ. އަޅުގަނޑަށް ހީވަނީ ދެފަރާތަށްމެ ކުރިމަތިވެފައިވާ ގުޅިފައިވާ ނުރައްކަލުގެ އިޙްސާސް ވަރަށް އަވަހަށް ރޫމީންނާއި ފާރިސީން އެކުވެރިވުމަށް މަޖުބޫރުކޮށްފާނެހެންނެވެ."

قبــاد ވިދާޅުވިއެވެ. "ގުޅިފައިވާ ނުރައްކަލޭ ބުނުއްވުމުގައި ކަލާގެ މަޤްޞަދަކީ މުސްލިމުންގެ ވާހަކަ ކަމުގައިވާނަމަ ހަމަގައިމުވެސް ކިސްރާއާމެދު އަޅުގަނޑު ނަންގަންނާނީ މުސްލިމުންނާ ކުރިމަތިލެއްވުމަށްޓަކައި ރޫމީންގެ އެއްބައިވަންތަކަމަކަށް ބޭނުންފުޅެއް ނުވާނެކަމަށެވެ. އަޅުގަނޑު ދެނެހުރީމެވެ. ގަނޑުވަރުތެރޭގައި ހިނގަމުންދާ ފިތުނަވެރިކަމާއި ދެކޮޅުވެރިކަމުގެ ސަބަބުން އީރާނު ވަނީ ވަރަށްބޮޑަށް ބަލިކަށިވެފައެވެ. އަދި ޢިރާޤުގެ ރައީސުންގެ އަނިޔާވެރިކަމުގެ ސަބަބުން މިތާނގެ ޢަރަބި ވަޒަންވެރީންތިބީ ވަރަށް ފޫހިވެފައެވެ. ނުރައްކަލުގެ ވަގުތުގައި ބައެއް ޤަބީލާތައް އަޅުގަނޑުމެންނާ އެހީތެރިނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޢަރަބި މުސްލިމުންނަށް އެއްވެސް މައިދާނެއްގައި އީރާނުގެ ޢަސްކަރީ ބާރާ ކުރިމަތިލެވިދާނެކަމަކަށް އަޅުގަނޑަކަށް ކުޑަކޮށްވެސް ނުވިސްނެއެވެ. އެބައިމީހުން އަޅުގަނޑުމެންގެ ސަރަޙައްދީ އަވަށްތަކާ ތޮޅެމުން އެނގެންދަނީ އެބައިމީހުންގެ ފުރަގަހުގައި ސަހަރާގެ ތަނަވަސްކަން އޮތުމުގެ ސަބަބުން ލިބޭ ހިތްހަމަޖެހުމުގައެވެ. ނަމަވެސް އެބައިމީހުންނަށް ފުރިހަމަ ހަނގުރާމަވެރި ލަޝްކަރަކާ ކުރިމަތިލާން ޖެހިއްޖެނަމަ ސީރިޔަސްކަމާއެކު ފަހަތަށް ޖެހިދާނެއެވެ. مثــنّـى بــن حــارثـــة ގެ ޙަމަލަތަކާ ގުޅިގެން ޢަރަބި ބަދަވީންނަށްވެސް މިހާރު އީރާނަށް ގޮންޖަހައިލެވޭވަރު ވެއްޖެކަމަށް ކަލާ ހީކުރައްވާކަށެއް ނުވާނެއެވެ."

ބޭސްވެރިޔާ ހީނލާފައި ދެންނެވިއެވެ. "ޢަރަބީން މިހާރުވަނީ އެބައިމީހުންގެ ތާރީޚުގައި އެންމެ ފުރަތަމަފަހަރަށް ދައުލަތެއްގެ ސިފަ އިޚުތިޔާރުކޮށްފައެވެ. މިހާރު އަރަބީންވަނީ އެއްޤައުމެއްގެ ޙައިޘިއްޔަތުން ތެދުވެފައެވެ. މަދުއަހަރުތަކެއްގެ ތެރޭގައި ޢަރަބީންގެ އެންމެން އެދީނެއްގެ އުނގަށް ގެނެސްފައިވާ ދީނުގެ ބާރާމެދު އަޅުގަނޑު ޖެހިލުންވެއެވެ. ހީރަތުން ފުރިއިރު އަޅުގަނޑަށް އިވިފައިވަނީ ޢަރަބީންގެ ލަޝްކަރެއް ދޫމަތުލް ޖަންދަލަށް މިސްރާބު ޖަހައިފައިވާ ވާހަކައެވެ. މިއަދު މަގުމަތީން އަޅުގަނޑު އެރިއަވަށަކުން ޚަބަރު ލިބުނުގޮތުގައި މުސްލިމުންގެ ދެވަނަ ލަޝްކަރު ޢިރާޤާ ދާދިގާތުގައި ބަނޑަހަ ޖަހައިފިއެވެ."

قبــاد ހަމަޖެހިވަޑައިގަތުމާއެކު ޖަވާބު ދެއްވިއެވެ. "ތިޔަ ލަޝްކަރު ވޭތުވެދިޔަ މަސްތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ސަރަޙައްދަށް އެތަކެއް ޙަމަލަތަކެއް ދީފިއެވެ. އަޅުގަނޑު އެބައިމީހުންނާމެދު އެއްގޮތަކަށްވެސް ކަންބޮޑެއް ނުވަމެވެ. އަޅުގަނޑުމެންނަށް އެބައިމީހުން ފުރާތުކޯރުން ފެންބުޔަނުދީއެއް ނުހިފެހެއްޓޭނެއެވެ. ނަމަވެސް ހަނގުރާމައަކަށްވާކަހަލަ ހަނގުރާމައަކާ ޖެހިއްޖެނަމަ އެބައިމީހުންނަށް އެއްވެސް މައިދާނެއްގައި ސާބިތުވެއެއް ނުތިބެވޭނެއެވެ.

ބޭސްވެރިޔާ ދެންނެވިއެވެ. "އެލަޝްކަރެއްގެ ޚަބަރު އަޅުގަނޑަށް މަގުމަތީން އިވުނު ލަޝްކަރަކީ އަދި ތިޔަ ވިދާޅުވި ލަޝްކަރެއް ނޫނެވެ. އެހެން ލަޝްކަރެކެވެ. އަލަށްމިއައި ލަޝްކަރުގެ އަމީރަކީ خــالــد بــن الـوليـد އެވެ. خــالــد އާ ބެހޭގޮތުން އެނގިފައިވާގޮތުގައި އަދި މިހާތަނަކަށް އެއްވެސް މައިދާނަކުން އޭނާ ދެރަފުޅުވެފައެއް ނެތެވެ. މުސައިލަމާގެ ސާޅީސްހާސް ސިފައިން އޭނާގެ އަތްޕުޅުން ބަލިވި ބަލިވުމަކީވެސް މުޢުޖިޒާއެއްފަދަ ކަމެކެވެ."

قبــاد ވިދާޅުވިއެވެ. "މުސްލިމުންނާ ބެހޭގޮތުން އަޅުގަނޑުވެސް ޤަބޫލުކޮށްފާނަމެވެ. ޢަރަބީންގެ ތެރެއިން ސަހަރާގައި ދިރިއުޅޭ އެއްބައިވަންތަކަން ކުޑަ ޤަބީލާތަކުގެ މައްޗަށް މުސްލިމުންނަށް އެބައިމީހުންގެ އީމާންކަމާއި އިއްތިހާދުގެ ސަބަބުން ކާމިޔާބު ހޯދިދާނެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް އެބައިމީހުންގެ ފަރާތުން އެއްވެސް ނުރައްކަލެއް ފޯރަފާނެކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ."

ބޭސްވެރިޔާ ދެންނެވިއެވެ. "ސާހިބާއެވެ. އަޅުގަނޑުގެ މަޤްޞަދަކީ މަނިކުފާނު ފިކުރުފުޅު ބޮޑުކުރުވުމެއް ނޫނެވެ. ނަމަވެސް އަޅުގަނޑަށް ހީވާގޮތުގައި ކުރިޔަށް މިއޮތް ދެތިންމަސްދުވަހަކީ އީރާނާއި ރޫމްގެ ތާރީޚުގެ ވަރަށް މުހިންމު ދުވަސްވަރެކެވެ. ޢިރާޤުގެ އެއްވެސް ސަރަޙައްދެއްގައި ޢަރަބީންނަށް ފައިތިލަ ސާބިތުކުރެވިއްޖެނަމަ އަދި އަޅުގަނޑުމެންނަށް އެބައިމީހުން ބަލިކޮށް ނުލެވިއްޖެނަމަ އެބައިމީހުން މިހާރަށްވުރެވެސް ޖެހިލުން ކުޑަވެދާނެއެވެ."

قبــاد ކުޑަކޮށް ނުޤަބޫލުފުޅު ވެވަޑައިގަތުމާއެކު ވިދާޅުވިއެވެ. "އެކަމަކު އީރާނުގެ ލަޝްކަރަށް މުސްލިމުން ބަލިނުކުރެވޭނެކަމަށް ކަލާއަށް ހީފުޅުވަނީ ކީއްވެގެންތޯއެވެ؟"

ބޭސްވެރިޔާ ޖަވާބު ދެއްވިއެވެ. "މާފުކުރައްވާށެވެ. ކިސްރާގެ ވަރުގަދަ ލަޝްކަރުތަކުގެ ކުރިމަތީގައި މުސްލިމުންނަށް ފައިތިލަ ސާބިތުކުރެވޭނެއެކޭ އަޅުގަނޑުވެސް ހީއެއްނުކުރަމެވެ. އަޅުގަނޑު ދަންނަވާން މިއުޅެނީ ރޫމީންނާއި ފާރިސީންގެ ގުޅިފައިވާ ދުޝްމިނެއްގެ ކުރިމަތީގައި ދެބައިމީހުން އެކަތިގަނޑަކަށް ވެއްޖެނަމަ ކިސްރާއަށް ޢިރާޤުގެ ސަރަޙައްދުގައި ޤައިޞަރަށް ޝާމްކަރައިގެ ސަރަޙައްދުގައި މުސްލިމުން މަތަކުރައްވާން މަސައްކަތް ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ވާހަކައެވެ. އޭރަކުން އަޅުގަނޑުމެން މައްކާއާއި މަދީނާގެ މައިފާރުތަކާ ހަމަޔަށް އެބައިމީހުން ފަހަމުން ދާނޫއެވެ. އެފަދަގޮތެއް ދިމާވެއްޖެނަމަ ސަހަރާގެ ޤަބީލާތަކުގެ ތެރެއިން މުސްލިމުންނާ ހަނގުރާމަކޮށް ބަލިވެފައިވާ ޤަބީލާތައްވެސް އަލުން ބަޣާވަތުގެ ދިދަ އުފުލާތަން މަނިކުފާނަށް ފެނިވަޑައިގަންނަވާނެއެވެ. ނަމަވެސް މުސްލިމުންނަށް ޢިރާޤުގައި ކުރިޔަށް ދިޔުމުގެ ފުރުޞަތު ދެވިއްޖެނަމަ މިތާނގެ ޢަރަބީންވެސް އެބައިމީހުންނާ ބައިވެރިވެދާނެކަމުގެ ބިރު އެބައޮތެވެ."

قبــاد ވިދާޅުވިއެވެ. "މިއަދު މީހަކު ކިސްރާއާއި ޤައިޞަރުގެ އަރިހުގައި، މުސްލިމުންނާ ކުރިމަތިލެއްވުމަށްޓަކައި ތިޔަބޭފުޅުން އެއްބައިވެވަޑައިގަންނަވާށެވެ ދަންނަވައިފިނަމަ އެމީހަކާމެދު ބެލެވޭނީ މޮޔައެއްކަމުގައެވެ. އެކަމަކު ކަލާ ކަންބޮޑުވެނުލައްވާށެވެ. ކިސްރާގެ ލަޝްކަރުތައް މައިދާނަށް ނުކުތުމުން މިތާނގެ ޢަރަބީންނަކަށެއް މުސްލިމުންނާ ބައިވެރިވާކަށެއް ނުކެރޭނެއެވެ. مثــنّـى بــن حــارثـــة ގެ އިސްވެދިޔަ ކާމިޔާބީތަކުގެ ސަބަބަކީ މަދާއިންގެ ކަންތައް ހުރިގޮތުން އަޅުގަނޑުމެންނަށް މިދިމާޔަށް ސަމާލުކަންދޭން ވަގުތު ނުލިބުމެވެ. މިތާނގައި އަޅުގަނޑުމެންގެ ވެރިޔަކަށް މިހުންނެވީވެސް އޭނާގެ އަނިޔާއާހުރެ މިހިސާބުގަނޑުގެ ޢަރަބީން ވަރަށް ރުޅިގަދަވެފައިތިބި ވެރިޔެކެވެ. ނަމަވެސް މުސްލިމުން خــالــد بــن الـوليـد މިމައިދާނަށް ފޮނުވައިފިނަމަ އީރާނުގެ ސަރުކާރުވެސް މާގިނަދުވަހަކު ސަރުކާރުގެ ޒިންމާއާމެދު ޣާފިލުވެފައެއް ނޯންނާނެއެވެ. އަޅުގަނޑު ކަލާއާ ކުރާން ބޭނުންވަނީ އެންމެ ސުވާލެކެވެ. އެއީ މުސްލިމުންނާމެދު ޢިރާޤުގެ ޢީސާއީންގެ ޚިޔާލު ހުރިގޮތެކެވެ."

ބޭސްވެރިޔާ ޖަވާބު ދިނެވެ. "މުސްލިމުންނާމެދު ޢީސާއީންގެ ޚިޔާލުވެސް މަޖޫސީންގެ ޚިޔާލަކާ ތަފާތެއް ނުވާނެއެވެ. އަޅުގަނޑު މަނިކުފާނަށް ޔަޤީންކަން އަރުވަމެވެ. އިމްތިޙާނުގެ ވަގުތު ޖެހޭއިރު މަނިކުފާނަށް އެބައިމީހުން ފެނިވަޑައިގަންނަވާނީ ކިސްރާގެ ސިފައިންގެ ފުރަތަމަ ސަފުންނެވެ. ފާރިސީންނާމެދު ކުޑަވެސް ހަމްދަރުދީއެއް ނެތްކަމުގައިވިޔަސް އެބައިމީހުން މުސްލިމުންގެ ރަޙުމަތްތެރީން ކަމުގައެއް ނުވާނެއެވެ. މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ފަދައިން ޖަޒާއިރުގެ ކާހިނާ سَجَـاح މުސްލިމުންނާ ދެކޮޅަށް ނުކުތްއިރު އެލަޝްކަރުގައިވެސް ޢީސާއީން ހިމެނުނެވެ. އޭނާ މުސައިލަމާގެ ދަލުގައި ނުޖެހުނުނުނަމަ މިއަދު ޢަރަބީންގެ ކަންތައްތައް ވަރަށް ތަފާތުވީހެވެ. އެހެންވީނަމަ ފަހަރެއްގައި އީރާނާ ދެކޮޅަށް ޢަރަބީން ތެދުވުމުން ޢީސާއީންގެ ޝުޢޫރުތައް ހުންނާނީ ކޮންގޮތަކަށްތޯ ސުވާލުކުރައްވަން މަނިކުފާނަށް ޖެހިވަޑައިނުގެންނެވުމަކީވެސް އެކަށީގެންވާ ކަމެކެވެ."

"އަޅުގަނޑު މިތާނގެ ކްރިސްޓިޔަނުންގެ ވަފާތެރިކަމާމެދު ޝައްކުކުރަނީކީ ނޫނެވެ. އަދި ޢީސާއީން ކަމުގައި ނުހިމެނޭ ޢަރަބީންވެސް މުސްލިމުންނާ ބައިވެރިވެދާނެކަމަކަށެއް އަޅުގަނޑު ހިއެއް ނުކުރަމެވެ. އަޅުގަނޑުގެ ހިތާމައަކީ އީރާނީ ބިންވެރީންގެ ހަރުކަށިކަމުން އެބައިމީހުންގެ ހިތްނުބައިވެފައިވާކަމެވެ." قبــاد މިހެން ވިދާޅުވެފައި ماه بانو ގެ އަރިހުގައި ވިދާޅުވިއެވެ. "ދަރިފުޅާއެވެ. އަހަރުމެންގެ މެހުމާނު ހުންނަވާނީ ވަރަށް ވަރުބަލިވެލައްވައިފައެވެ. ކާއޫސް ގެނެސްގެން މެހުމާނަށް އަރާމުކުރެއްވޭނެ އިންތިޒާމު ހަމަޖައްސާށެވެ."

ماه بانو ކާއޫސަށް ވިދާޅުވުމުން ޚާދިމާއެއް ދުވެފައިއައިސް ކޮޓަރިޔަށް ވަދެއްޖެއެވެ. އޭނާ ދެންނެވިއެވެ. ކާއޫސް މިތާކު ނެތެވެ. ދޮރާށިދޮށުންއައި ފާރަވެރިޔަކާއެކު އޭނާ ހިނގައްޖެއެވެ."

قبــاد ވިދާޅުވިއެވެ. "އެންމެ ރަނގަޅެވެ. ކަލޭ މެހުމާނު އޭނާގެ ކޮޓަރިޔަށް ގެންދާށެވެ. ކާއޫސް އައުމުން އޭނާ އަހަރެންގެ ގާތަށް ފޮނުވާށެވެ."

(ނުނިމޭ)