އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހު ދެވަނަ ދުވަހު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އުރީދޫން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނީގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާނީ މާޗު މަހު ދެވަނަ ދުވަހުގެ ރޭ 8:30ގައި ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލުގައެވެ.
މި ޖަލްސާގައި 2019 ވަނަ އަހަރުގެ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓާއި 2019 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން އޮންނާނެ ކަމަށް އުރީދޫން ބުނެއެވެ. މިދެ ރިޕޯޓު ފާސްކުރުމުގެ އިތުރުން މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި، އެކަން ވެސް ފާސްކުރާނެ ކަމަށް އުރީދޫން ބުނެއެވެ. އަދި 2019 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ އަދަދެއްވެސް މި ޖަލްސާގައި ފާސްކުރާނެ ކަމަށް އުރީދޫން ބުނެއެވެ.
އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް ޑިރެކްޓަރަު އިންތިހާބު ކުރުން ވެސް މި ޖަލްސާގައި އޮންނާނެ އެވެ. އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ޝަރުތު ހަމަވި ކެންޑިޑޭޓުންގެ ނަންތައް އުރީދޫން ވަނީ އާންމުކޮށްފަ އެވެ. އެބޭފުޅުންނަކީ؛
- އިބްރާހީމް ފިރުޝާން
- އާއިޝަތު ހުސައިން މަނިކު
- އިބްރާހީމް ޝަރީފު މުހައްމަދު، އަދި
- ފަރީހާ ޝަރީފު އެވެ.
މި ޖަލްސާގައި ހިއްސާދާރުންގެ ތެރެއިން ބައިވެރިވެވޭނީ 11 ފެބްރުއަރީ 2020ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހަޅަން އުރީދޫން ވަނީ އެދިފަ އެވެ. އަދި މި މަހު 26 ވަނަ ދުވަހުގެ 4:30ގެ ކުރިން އުރީދޫ ހެޑް އޮފީހަށް މި ފޯމު ހުށަހެޅުމަށް ނުވަތަ [email protected] އަށް ފޯމު މެއިލް ކުރުމަށް ވެސް އުރީދޫން އެދެއެވެ.