ވިޔަފާރި

ވެލިގާ ހާޑްވެއާގެ ކޯޕޮރޭޓް ކަސްޓަމަރ ސެންޓަރު ހުޅުވައިފި

މުހައްމަދު އައުޒަމް

ވެލިގާ ހާޑުވެއާގެ ޚިދުމަތް ހޯދަމުން އަންނަ ކޯޕަރޭޓް ކަސްޓަމަަރުންނަށް ޚާއްސަކޮށްގެން ކަސްޓަމަރ ސާރވިސް ސެންޓަރެއް ހުޅުވައިފިއެވެ.

މާފަންނު ބުރު ކައިރީގައި ހުޅުވި ކަސްޓަމަރ ސާރވިސް ސެންޓަރު ހުޅުއްވައިދެއްވީ ވެލިގާ ހާޑުވެއާގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު އަބޫބަކުރެވެ.

ވެލިގާ ހާޑްވެއަރއަށް 10 އަހަރު ފުރުމަާ ދިމާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފެށި މަސައްކަތުގެ އެންމެ މުހިއްމު އެއް މަސައްކަތެއްގެ ގޮތުން ހުޅުވިގެންމިދިޔަ ކަސްޓަމަރ ސާރވިސް ސެންޓަރުން ވެލިގާގެ ހުރިހާ ހިދުމަތްތަކެއް ކުރިޔަށް ވުރެ އަވަހަށް ފަސޭހަކަމާއެކު އެއްތަނަކުން ލިބިގެން ދާނެއެވެ.

ވެލިގާ ހާޑުވެއަރގެ ކަސްޓަމަރ ސާރވިސް ސެންޓަރާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވެލިގާ ހާޑްވެއަރގެ ޖެނެރަލް މެނޭޖަރު މުއާޒު މުހައްމަދު ވިދާޅުވީ އެކިދާއިރާތަކުގެ ކޯޕަރޭޓް ކަސްޓަމަރުންނަކީ ވެލިގާގެ ހިދުމަތް ހޯދަމުން އަންނަ ބައެއްކަމަށާއި އެބޭފުޅުން ހިދުމަތް ހޯދުމަށް ވެލިގާގެ ފިހާރަޔަކަށް ދާއިރު ފިހާރައިގެ ބާރު ބޮޑުވުމުން ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މުއާޒު ވިދާޅުވީ މިކަސްޓަމަރ ސާރވިސް ސެންޓަރުގެ ސަބަބުން ކޯޕަރޭޓް ކަސްޓަމަރުންނަށް އަވަސް އަދި ފުރިހަމަ ހިދުމަތެއް ދެވިގެން ދާނެކަމަށެވެ.

ވެލިގާ ހާޑްވެއަރ ކަސްޓަމަރ ސާރވިސް ސެންޓަރ ހުޅުއްވައިދެއްވީ ވެލިގާ ހާޑުވެއަރގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު އަބޫބަކުރު

ކަސްޓަމަރ ސާރވިސް ސެންޓަރުގެ ހިދުމަތްތަކާއި ބެހޭގޮތުން ވާހަކަދައްކަވަމުން ކޯޕޮރޭޓް ކަސްޓަމަރ މެނޭޖަރ މިފްޒާން މުހައްމަދު ވިދާޅުވީ މިސެންޓަރު މެދުވެރިކޮށް ބޭނުންވާ ގޮތަކަށް އަދި ބޭނުންވާ ގަޑިއަކަށް މުދަލާއި ސާމާނު ކަސްޓަމަރަށް ފޯރުކޮށް ދެވޭނެ ކަމަށެވެ.

އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް އަވަހަށް ފަސޭހަކަމާއެކު ކަސްޓަމަރުން ބޭނުންވާ ހިދުމަތްތައް މިތަނުން ފޯރުކޮށްދިނުން. ކޮންމެ ކަސްޓަމަރެއްގެވެސް ބޭނުންތައް ތަފާތު ވާނެ. އަޅުގަނޑުމެންގެ މަގްސަދަކީ ކަސްޓަމަރަށް އެއްވެސް ދަތިކަމެއްނެތި ކަސްޓަމަރު ބޭނުންވާ ގޮތަށް ބޭނުންވާ ގަޑިއަށް މުދަލާއި ސާމާނު ފޯރުކޮށްދިނުން. އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަ ހިދުމަތެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން
ކޯޕޮރޭޓް ކަސްޓަމަރ މެނޭޖަރ މިފްޒާން މުހައްމަދު

ވެލިގާ ހާޑުވެއަރގެ ކަސްޓަމަރ ސާރވިސް ސެންޓަރުގައި ހާޑުވެއަރގެ ހުރިހާ މުދަލެއް ލިބެން ހުންނައިރު ބައެއް މުދާތައް އަޖުމަބަލައިލުމުގެ ފުރުސަތުވެސް ވަނީ މިސެންޓަރު މެދުވެރިކޮށް މަގުފަހިކޮށްދީފައެވެ. އަދި ވެލިގާގެ މުދާތައް ބޭނުންކުރާނެ ގޮތް، ތަޖުރިބާކާރުންގެ އެހީގައި ވެލިގާއިން ލިބެން ހުންނާނެއެވެ.

ވެލިގާ ހާޑުވެއަރއިން ވަނީ ކަސްޓަމަރ ސާރވިސް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކަމާގުޅޭ ތަމްރީނުތައްދީފައެވެ.

ވެލިގާ ހާޑުވެއަރގެ ކަސްޓަމަރ ސާރވިސް ސެންޓަރުގެ ހިދުމަތް ފެށުމާއެކު ވެލިގާގެ ހިދުމަތްތައް މިވަނީ މުޅި ރާއްޖެއަށް ފުޅާވެގެން ގޮސްފައެވެ. އެގޮތުން ފޯނާއި އީމެއިލް މެދުވެރިކޮށް ހިދުމަތް ހޯދޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އަދި މާލެއިން ބޭރަށް ގެންދާ މުދާތައްވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ދޯނިފަހަރާއި ބޯޓުތަކަށް ވެސް ފޮނުވުމުގެ އިންތިޒާމު މިސެންޓަރު މެދުވެރިކޮށް ހަމަޖެހިގެންދާނެއެވެ.