ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ސްޕެއިންގެ ނޫސްވެރިންތަކެއް ރާއްޖެ އަތުވެއްޖެ އެވެ.
ސްޕެއިންގެ ނޫސްވެރިންތަކެއް ރާއްޖެ އައިސްފައިވަނީ މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ދައުވަތަކަށެވެ.
އިއްޔެ ރާއްޖެއައި ސްޕެއިންގެ ނޫސްވެރިންގެ ތެރޭގައި އެ ގައުމުގެ މަޝްހޫރު ޓްރެވަލް އަދި މައިސް (މީޓިންގްސް، އިންސެންޓިވްސް، ކޮންވެންޝަން އެންޑް އެގްޒިބިޝަންސް) ލިޔުންތައް ޝާއިއު ކުރާ މެގަޒިންތަކުގެ ނޫސްވެރިން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.
އެގޮތުން ދެވިއަހެސް، މީޓް އިން، އެލް އެރިއޮދިކޯ، ސިންކޯ ވިއަހް އަދި ލަވަންގުއަރދިއާ ގެ ނޫސްވެރިން ރާއްޖެ އައިސްފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ. އަދި މި ނޫސްވެރިންގެ ޓީމުން މި ދަތުރުގައި ކުރާ ތަޖުރިބާތައް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހިއްސާ ކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
ސްޕެއިންގެ މި ނޫސްވެރިންގެ ޓީމު ރާއްޖޭގައި ހޭދަ ކުރާ ފަސް ދުވަހުގެ ޗުއްޓީގައި އެމީހުން ތިބުމަށް ހަމަޖައްސާފައިވަނީ ސީކްރެޓް ޕެރަޑައިސް އިން ހަމަޖައްސާފައިވާ ކ. ގުރައިދޫގެ ޕާމް އިން ގެސްޓް ހައުސް، ދަ ރެސިޑެންސް މޯލްޑިވްސް އަދި ފިނޮޅު މޯލްޑިވްސް ރިސޯޓުގައި ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންނަށް ތަޖުރިބާ ކުރެވެން ހުރި އެންމެ ހިތްގައިމު ކަންކަން މި ނޫސްވެރިންނަށް އަމިއްލައަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެމްއެމްޕީއާރުސީން މައުލޫމާތުދިން ގޮތުގައި މި ދަތުރުގައި ބައިވެރިވި ސްޕެއިންގެ ނޫސްވެރިންނަށް ރާއްޖޭގެ ސަގާފަތާއި ރީތިކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އަދި މި ޓީމުން ގެސްޓްހައުސް އިންނާއި ކޮންމެ ރިސޯޓަކުން ލިބެން ހުންނަ ތަފާތު ހިދުމަތްތަކާއި ހާއްސަ ކެއުންތައް އަދި ސްޕާގެ ހިދުމަތްވެސް ތަޖުރިބާ ކުރާނެ ކަމަަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މިދިޔަ އަހަރު ރާއްޖެއަށް 12 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ސްޕެއިނުންނެވެ. އެއީ 36،064 ފަތުރުވެރިންނެވެ. މި އަދަދަކީ 2018 އަހަރާއި އަޅާބަލާއިރު %13.5 ކުރިއެރުމެއް ކަމަށް އެމްއެމްޕީއާރުސީން ފާހަގަ ކުރެއެވެ. ސްޕެއިނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މިއަހަރަށް އެމްއެމްޕީއާރުސީން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.