މަޖިލީހުގެ ރައީސް

55 މިލިޔަން ޑޮލަރުގެ ޓާމިނަލް ކޮރަޕްޝަންގެ ގޮތުގައި ޓީއެމްއޭއަށް ދޭން ކުރީ ސަރުކާރުން އޮތީ ނިންމައިފައި: ނަޝީދު

އިބްރާހިމް ޒަކީ

3

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލުން ތަރައްގީކުރާ 55 މިލިޔަން ޑޮލަރުގެ އާ ސީޕްލޭން ޓާމިނަލް ކޮރަޕްޝަންގެ ގޮތުގައި ނުއަގުގައި ޓީއެމްއޭއަށް ދޭން ނިންމާފައި ވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމާ ބެހޭ މައްސަލައިގެ ރިޕޯޓް، ޓީއެމްއޭގެ 80 ޕަސެންޓް ހިއްސާ އޮންނަަ އެމެރިކާގެ ބެއިން ކެޕިޓަލުން މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބެލުމަށްފަހު އެ ރިޕޯޓްވެސް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ކޮރަޕްޝަން ހިމެނޭ ކަމަށް އޭސީސީން ފާހަގަ ކުރާ، ސީޕްލޭން ޓީއެމްއޭ އަަށް ދިނުމުގެ މައްސަލައިގެ އެއްބަސްވުމަށް ވާސިލްވުމަށް ސަރުކާރާއި އެ ކުންފުންޏާ އެކު ސިޓީ ބިޓީ ބަދަލުކުރުން ފަށާފައިވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި އޮކްޓޯބަރު 2017 ގައި ކަމަށެވެ.

އަދި އެ ކަމާބެހޭ އެގްރީމެންޓްގައި ސޮއިކުރަން ނިންމާފައި އޮތީ އޮކްޓޯބަރު 2018 ގައި ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޓީއެމްއޭއަށް ޓާމިނަލް ދިނުމާބެހޭ އެންމެހާ ކަންކަން ނިންމާފައި ވަނިކޮށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވީ 17 ނޮވެމްބަރު 2018ގައި ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެން ހުވާކުރައްވައި މިއަދާ ހަމަޔަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދައުލަތާއި ރައްޔިތުންނަށް އެންމެ ލުއި ގޮތަކަށް ޓީއެމްއޭގެ އެގްރީމެންޓުގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވީ 17 ނޮވެމްބަރު 2018ގައި މިއެގްރިމެންޓް، އޭސީސީން މި ފާހަގަކުރާ ކޮރަޕްޝަން ހިމެނޭ އެއްބަސްވުމަށް ވާސިލުވުމަށް ބަދަލު ކުރެވިފައިވާ ސިޓީ ބިޓީ ފެށިފައި ވަނީ އޮކްޓޫބަރު 2017 ވަނަ އަހަރު. ވާސިލު ވުމަށް އެންމެހާ މަސައްކަތްކޮށް އަދި އެހަފުތާގެ ތެރޭގައި އެގްރީމެންޓްގައި ސޮއިކުރުމަށް މަސައްކަތް ކޮށްފައިވަނީ އޮކްޓޫބަރުމަހުގެ 2018 ވަނަ އަހަރު،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމުގެ މައްސަލަ ބޮޑުވެފައިވަނީ އެއާޕޯޓުން މިހާތަނަށް އެއްވެސް ތަނެއް ދީފައި ނުވާހާ ހެޔޮ އަގެއްގައި ޓީއެމްއޭއަށް އެތަން ދިނުމާބެހޭ ވާހަކަތަކެއް ފެންމަތިވެފައި ވާތީ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟