އަންނަ މާޗު މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކޯލިޝަންގެ ތެރޭގައި ހިމެނޭ ބޮޑު ދެޕާޓީ ކަމަށްވާ އެމްޑީޕީ އަދި ޖޭޕީން ވެސް ހުރިހާ ދާއިރާ އަކަށް ކެންޑިޑޭޓުން ނެރެން އުޅޭ ކަމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޭފުޅަކު ވިދާޅުވީ އިއްޔެ އޮތް ނުރަސްމީ ބައްދަލުވުމެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާ އަކަށް އެމްޑީޕީން ކެންޑިޑޭޓުން ނެރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް އެ ބައްދަލުވުމުގައި އެކަން މުޅީން ފައިނަލް ނުކުރާ ކަމަށާއި ވަރަށް އަވަހަށް ފައިނަލު ކުރާނެ ކަމަށް ވަން އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި އެވެ.
ޖޭޕީން ވެސް މަޖިލީހުގެ ހުރިހާ ދާއިރާ ތަކަށް ކެންޑިޑޭޓުން ނެރުމުގެ ވިސްނުމެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އެޕާޓީގެ އިސް އޮފިޝަލަކު ދާދި ފަހުން ވިދާޅުވި އެވެ. އެހެން ނަމަވެސް އެޕާޓީން ވެސް ރަސްމީ ގޮތުން މި ކަމުގައި އެެއްވެސް ގޮތެއް ނިންމައިފައެއް ނުވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރީން ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ އިންތިޚާބަށް ޕާޓީތަކުން ނިކުންނާނީ ވަކިވަކީންނެއް ނޫނެވެ. ނިކުންނާނީ ކޯލިޝަން ކެންޑިޑޭޓުންގެ ގޮތުގަ އެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ކޯލިޝަން ތެރޭގައި ހިމެނޭ ޕާޓީތަކަށް މަޖިލީހުގެ ދާއިރާތައް އަދި ބަހާފައެއް ނުވެ އެވެ. އެހެންކަމުން ކޮން ޕާޓީ އަކަށް ލިބޭނީ ކޮން ދާއިރާއެއް ކަމެއް އަދި ނޭނގެ އެވެ.
މިހާތަނަށް ޕްރައިމަރީގައި ވާދަކުރަން މީހުން ޝައުގުވެރިކަން ފާޅުކޮށް މީސްމީޑިއާގައި ދައުރުވާ ޕޯސްޓް ތަކަށް ބަލާ އިރު، ކޯލިޝަންގެ އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީ ތަކަށް ނިސްބަތްވާ މީހުން އެއް ދާއިރާ އަކަށް ނިކުންނަން ކެމްޕޭން ކުރަމުން އަންނަކަން އެނގެ އެވެ.
ސިޔާސީ މާހައުލު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކާ މެދު ރަނގަޅު އެެއްބަސްވުމަކަށް އައިސް ކޯލިޝަނުގެ ކެންޑިޑޭޓުންގެ ގޮތުގައި އެކަނި މީހުން ދާއިރާތަކަށް ނުނެރެވިއްޖެ ނަމަ އެހާ ހިސާބުން ކޯލިޝަން ރޫޅޭނެ އެވެ. މިހާރު ވެސް ކޯލިޝަން ތެރޭގައި ބައިބައިވުން އުފެދި ބަހުގެ ހޫނު ހަމަލާތައް އެކި ކަންކަމާ ގުޅިގެން ދެމުން އަންނަކަން އޭނާ ފާހަގަކުރި އެވެ. އަދި ކޯލިޝަންގެ ވަކިވަކި ޕާޓީތައް އަމިއްލަ އަށް މަޖިލީހަށް ނިކުމެއްޖެ ނަމަ ކޯލިޝަނުން ބޭނުންވާ އަސްލު ނަތީޖާ މަޖިލިސް އިންތިޚާބުގައި ނުލިބި މަޖިލީހުގެ ގިނަ ގޮނޑިތަކެއް އެމީހުންނަށް ގެއްލުމަކީ ވެސް ހާލަތު މެދުވެރިވާ ގޮތަކުން ވެދާނެ ގޮތެއް ކަމަށް އޭނާ ބުންޏެވެ.
އެމްޑީޕީ އާއި ޖޭޕީން މަޖިލިސް އިންތިޚާބަށް ވަރުގަދައަށް ތައްޔާރު ވަމުން އަންނަ އިރު، ރައީސް މައުމޫނުގެ އެމްއާރްއެމް އަދި ޝެއިޚް އިމްރާން ނިސްބަތްވެވަޑައިގަންނަވާ އަދާލަތުން އެކަމުގައި މާ ބޮޑު މަސައްކަތްތަކެއް ކުރާ ތަނެއް ނުފެނެ އެވެ. އެބޭފުޅުން މަޑު ކުރައްވަނީ ކޯލިޝަން ތެރެއިން ގޮތްތަކެއް ހަމަޖެހި ނިމެންދެން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.