ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
ދާދި ދެންމެއަކު މަހުލޫފް ކޯޓަށް ހާޒިރުކުރި އިރު، މިއަދު މަހުލޫފު ބަންދުން ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.
ފެބުރުއަރީ މަހުގެ ތިންވަނަ ދުވަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން މަހުލޫފު ހުންނެވީ ގޭ ބަންދުގައެވެ.
މިއަދު ކޯޓަށް ހާޒިރުވުމުގެ ކުރިން މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިފަހަރު ކޯޓަށް ހާޒިރުވާނީ އުންމީދަކާއެކު ކަމަށެވެ.
އިއްޔެ ވެސް "ސިޔާސީ ހައްޔަރީން" ކޯޓަށް ހާޒިރުކޮށްފައިވެއެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް އަދި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ ދޫކޮށްލައިފައެވެ. އެ ބޭފުޅުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ބޭފުޅުންނެވެ.
އިއްޔެ ގެންދިޔަ ހައްޔަރީންގެ ތެރެއިން ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު އަދި ޑީޖޭއޭގެ ކުރީގެ އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދޫކޮށްލައިފައެއް ނުވެއެވެ. ނަމަވެސް މިއަދު އަލުން އެ ބޭފުޅުން ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވެއެވެ.