ބޮލީވުޑް

ފިލްމުފެއާ އެވޯޑްސް 2020 : އެކްސެލަންސް އިން ސިނެމާ އެވޯޑު ސުޕާ ސްޓާ ގޯވިންދާއަށް

ރޭ ބޭއްވި އެމެޒޯން ފިލްމުފެއާ އެވޯޑްސް 2020 ގެ އެކްސެލެންސް އިން ސިނެމާ އެވޯޑު ގޯވިންދާއަށް ލިބިއްޖެ އެވެ.

ބޮލީވުޑްގެ ފިލްމު އިންޑަސްޓްރީގައި 30 އަހަރު، ގޯވިންދާ ހޭދަކޮށްފައި ވާއިރު އޭނާ އަކީ ކޮމެޑީ ރޯލުތަކަށް މަގުބޫލު ސުޕާ ސްޓާރެކެވެ. ގޯވިންދާގެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ދުލްހޭ ރާޖާ"، "ރާޖޫ ބާބޫ" އަދި "ކޫލީ ނަންބަރު ވަން" ހިމެނެއެވެ. މީގެ އިތުރުން ވެސް މަޝްހޫރު އަދި ކާމިޔާބު އެތައް ފިލްމެއް ގޯވިންދާ ކުޅެފައި ވެއެވެ.

ރޭގެ ހަފުލާގައި ގޯވިންދާގެ ހުށަހެޅުމެއްވެސް ފެނިގެން ގޮސްފައިވާއިރު އެ ހަފުލާއަށް ގޯވިންދާއާ އެކު އޭނާގެ އަންހެނުން ސުނީތާ އަހުޖާ އަދި އަންހެން ދަރިފުޅު ޓީނާ ވަނީ ގޮސްފައެވެ.

ގޯވިންދާގެ މަގުބޫލު ފިލްމު "ކޫލީ ނަންބަރު ވަން"ގެ ރީމޭކެއް އަންނަނީ ހަދަމުންނެވެ. މި ފިލްމުގެ ލީޑުން ވަރުން ދަވަންއާއި ސާރާ އަލީ ޚާން ފެނިގެންދާނެއެވެ. ފިލްމު ރިލީސްކުރުމަށް ހަމަޖައްސާފައިވަނީ މެއި އެކެއްގައެވެ.

މިއީ ފިލްމުފެއާ އެވޯޑްސް ބާއްވާތާ 65 ވަނަ އަހަރެވެ.