ބޮލީވުޑް

ފިލްމުފެއާ އެވޯޑްސް 2020 : އެންމެ މޮޅު ބަތަލަކަށް ރަންވީރު، ބަތަލާއަކަށް އާލިއާ

މިއަހަރުގެ ފިލްމުފެއާ އެވޯޑުގައި އެންމެ މޮޅު ބަތަލު އަދި ބަތަލާގެ އެވޯޑު ފިލްމު ގަލީ ބޯއީގެ ބަތަލު އަދި ބަތަލާއަށް ލިބިއްޖެ އެވެ.

އެގޮތުން ރަންވީރު ސިންގަށް އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބިފައިވާއިރު އާލިއާ ބަޓްއަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައެވެ.

މި ފިލްމުގައި ރަންވީރަކީ ރެޕާއެކެވެ. އޭނާވަނީ ފިލްމަށް ރެޕް ކުރަން ދަސްވެސް ކޮށްފައެވެ. ގަލީ ބޯއީ ގައި އާލިޔާ ފެނިގެންދަނީ މުސްލިމެއްގެ ރޯލުންނެވެ. ބުރުގާ އަޅާފައި އާލިއާ ހުންނަ އިރު އޭނާ ކުޅެނީ ވަރަށް ސްޓްރޯންގް އަންހެނެއްގެ ރޯލެވެ.

14 ފެބްރުއަރީ 2019 ގައި ރިލީސްކުރި ފިލްމު ގަލީ ބޯއީ އަކީ އިންޑިއާގެ މަގުމަތީގައި ރެޕް ކުރަން އުޅެގެން މަގުބޫލުކަން ހޯދި ދެ މީހުން ކަމަށްވާ ޑިވައިން އާއި ނީޒީގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޒޯޔާ އަހުތަރެވެ.

މިފިލްމަށް ވަނީ އޮސްކާ އެންޓްރީވެސް ލިބިފައެވެ. ނަމަވެސް ގަދަ ދިހަޔަކަށް ނާރައި ފިލްމު ވަނީ ކަޓާފައެވެ.

މިއީ ފިލްމުފެއާ އެވޯޑު ބާއްވާ 65 ވަނަ އަހަރެވެ.