މިފަހަރުގެ ފިލްމުފެއާ އެވޯޑުގައި ފިލްމު ގަލީ ބޯއީއަށް ވަނީ ގިނަ ކާމިޔާބީ ތަކެއް ލިބިފައެވެ.
ރަންވީރު ސިންގަށް އެ ފިލްމުން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައިވާއިރު އާލިއާ ބަޓަށް ހަމަ އެފިލްމުން ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިގެން ގޮސްފައެވެ.
ހަމަ އެއާއެކު މި ފިލްމަށް ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑުވެސް ލިބިގެންގޮސްފައެވެ. ރޭ ބޭއްވި އެވޯޑު ހަފުލާގައި ގަލީ ބޯއީއަށް އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުމުން އެއާ ހަވާލުވާން އެރީވެސް ފިލްމުގެ ތަރިންކަމުގައިވާ ރަންވީރު، އާލިއާ އަދި ސިދްއާންތު ޗަތުރުވޭދީއެވެ.
ގަލީ ބޯއީ އިން ސިދްއާންތަށް ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ. ސަޕޯޓިން އެކްޓްރެސް ފީމެއިލް ލިބިފައިވަނީ ހަމަ މިފިލްމުން އަމްރިތާ ސުބާޝްއަށެވެ.
މި ފިލްމަށް ވަނީ ބެސްޓް ސްކްރީންޕްލޭވެސް ލިބިފައެވެ. އަދި އިރެކްޓަރު ޒޯޔާއަށް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.
ޑިވައިން އަދި އަންކުރު ތެވާރީއަށް ގަލީ ބޯއީގައި ހިމެނޭ މަގުބޫލު ލަވަ "އަޕްނާ ޓައިމް އާއޭގާ" އިން ވަނީ ބެސްޓް ލިރިކްސް ލިބިފައެވެ. މި ފިލްމަށް ބެސްޓް މިޔުޒިކް އަލްބަމް އެވޯޑުވެސް ވަނީ ލިބިފައެވެ.
14 ފެބްރުއަރީ 2019 ގައި ރިލީސްކުރި ފިލްމު ގަލީ ބޯއީ އަކީ އިންޑިއާގެ މަގުމަތީގައި ރެޕް ކުރަން އުޅެގެން މަގުބޫލުކަން ހޯދި ދެ މީހުން ކަމަށްވާ ޑިވައިން އާއި ނީޒީގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ޒޯޔާ އަހުތަރެވެ.
މިފިލްމަށް ވަނީ އޮސްކާ އެންޓްރީވެސް ލިބިގެންގޮސްފައެވެ. ނަމަވެސް ގަދަ ދިހަޔަކަށް ނާރައި ފިލްމު ވަނީ ކަޓާފައެވެ.
މިއީ ފިލްމުފެއާ އެވޯޑު ބާއްވާ 65 ވަނަ އަހަރެވެ.