އިލެކްޝަންސް ކޮމިޝަން

އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުން މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކާ ކަމަށް އީސީން ބުނެފި

އިބްރާހިމް ޒަކީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބައިވެރި ވުމަށް، އިލެކްޝަންސް ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅަންދާ ބައެއް ފަރާތްތަކުން އެ ކޮމިޝަންގެ މުވައްޒަފުންނަށް ބިރުދައްކަމުންދާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅަން އިއްޔެއާއި މިއަދު ދިޔަ ބައެއް އާއްމު ފަރާތްތަކުން އީސީގެ މުވައްޒަފުންނަށް އިންޒާރުދީ ބިރު ދައްކާފައިވާ ކަމަށެވެ. އަދި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ. އިސީން ބުނީ އެގޮތަށް ބިރު ދައްކައި އިންޒާރުދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހު ހަތަރު ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މަހު 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ލޯކަލް ކައުންސިލްތަލުގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.