2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 30.25 ބިލިއަން ރުފިޔާ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓު ދިރާސާކުރާން ނެގި ކޮމެޓީން ވަނީ މިދިޔަ ދުވަސް ތަކުގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާ ތަކާއި އޮފީސްތަކުގެ ވެރީން ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފަ އެވެ.
ބަޖެޓު ދިރާސާ ކުރާން ނެގި ކޮމެޓީގެ މެންބަރަކު މިރޭ "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މައިގަނޑު ގޮތެއްގައި ބަޖެޓަށް ފައިސާ އިތުރުކުރީ ދައުލަތުގެ އެކި މުއައްސަސާ ތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގެ މަޝްރޫއުތަކަށް ކަމަށެވެ.
ބަޖެޓު ދިރާސާކުރާ ކޮމެޓީން ފާސްކުރި ބަޖެޓު ކޮމެޓީން ފާސްކުރި ގޮތަށް މަޖިލީހުގެ ތަޅުމުން ވެސް ފާސްވާނެ ކަމަށް ބެލެވެ އެވެ. ބަޖެޓު ދިރާސާ ކޮމެޓީ އެކުލަވައިލައިފައި ވަނީ ސިޔާސީ ހުރިހާ ޕާޓީތައް ތަމްސީލުވާ ގޮތަށެވެ.