ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުގެ މަގާމަށް އަލީ ނިޝްތާރު މުހައްމަދު ހަމަޖައްސައިފިއެވެ.
ގްރީނުގެ ކޯޗުކަމުގެ މަގާމަށް ނިޝްތާރު ހަމަޖައްސާފައިވާކަން އެ ކްލަބުން އިއުލާނުކޮށްފައިވަނީ ޕީޓްރަލް ޕާކުގައި އެ ކްލަބުން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
ގްރީނުގެ ކޯޗުކަމުގެ މަގާމާ ނިޝްތާރު ހަވާލުވެފައިމިވަނީ ފޯކައިދޫ ފުޓުބޯލް ކްލަބު ކޯޗުކަމުގެ މަގާމުން އިސްތިއުފާދިނުމަށްފަހުއެވެ. ފޯކައިދޫގެ ކޯޗުކަމުން ނިޝްތާރު އިސްތިއުފާ ދިނީ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަޔަކަށް އެ ޓީމު ގެންގޮސް ދިނުމަށް ފަހުއެވެ. ފޯކައިދޫއަށް ސީޒަން ނިމިފައިވާއިރު މިހާރު ބާކީ އޮތީ އެންމެ މުބާރާތެކެވެ. އެއީ އަންނަ މަހު ފަސް ވަނަ ދުވަހު ފެށުމަށް ހަމަޖައްސާފައިވާ އެފްއޭ ކަޕެވެ.
ގްރީނުން 2018ގައި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ކްލަބުގެ ކޯޗުކަމުގެ މަގާމުގައި ހުރީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭނެވެ. ދާދި ފަހުން ގްރީނުން ސުޒޭނަށް ރިލީޒް ދިނުމުން އޭނާ ވަނީ ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުގެ މަގާމާ ހަވާލުވެފައެވެ.
ސުޒޭން ވަނީ ގްރީނަށް މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިދީފައެވެ. އެ ކާމިޔާބީއަކީ 2018 އިން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ގްރީނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ ސީޒަނުގައި ގްރީނަށް ހޯދުނީ ލީގުގެ ފަސްވަނައެވެ.