ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ 5ޖީ ނެޓްވޯކް ތައާރަފްކުރި ކުންފުނި، ދިރާގުން 5ޖީ ސަޕޯޓްކުރާ ވާވޭ މޭޓް 20 އެކްސް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.
ދިރާގުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފޯން ތައާރަފް ކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދު ދަސަރުއެވެ.
ދިރާގުގެ ޑިވައިސް މެނޭޖަރު އަހުމަދު އިޝާން ވިދާޅުވީ މިރެއިން ފެށިގެން އޮންލައިންކޮށް ފޯނު ގަންނަން ހުޅުވާލި ނަމަވެސް ފޯނު ހަވާލު ކުރުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށެވެ.
ދިރާގުން ވާވޭ މޭޓް 20 އެކްސް ވިއްކާނީ 15،799 ރ. އަށެވެ. އަދި ފޯނު ގަންނަ އެކުންފުނީގެ ކޮންމެ ކަސްޓަމަރަކަށް ހަ މަސް ވަންދެން، ކޮންމެ މަހަކު 20 ޖީބީ ހިލޭ ޑޭޓާ ލިބޭނެއެވެ.
އޭގެ އިތުރުން އިންސްޓޯލްމެންޓަށް އެ ފޯނު ނެގުމަށް ބޭނުންވާ ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުން ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭނީ 3499 ރ. އެވެ. އެއަށްފަހު ފުލް ޕޭމަންޓް ހަމަވަންދެން ދައްކަންޖެހޭނީ މަހަކު 1129 ރ. އެވެ.
އިޝާން ވިދާޅުވީ، ދިރާގުން ރާއްޖޭގައި ޑިޖިޓަލް ނެޓްވޯކް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 5ޖީއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ނެޓްވޯކެއް ކަމަށެވެ. އެގޮތުން 5ޖީގައި ޑައުންލޯޑް ސްޕީޑް ވަރަށް މަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގައި 5ޖީ ލިބޭ ސަރަހައްދުތައް ކަމަށްވާ ދިރާގު ހެޑް އޮފީހާއި މާލޭ ބްރިޖް ވިއުއިން ޕްލެޓް ފޯމް، ކުޅުދުއްފުށި ސިޓީ، ހުޅުލެ، ހުޅުމާލެ އަދި ސ. ހިތަދޫއިން އެ ނެޓްވޯކް ތަޖުރިބާ ކުރެވޭނެއެވެ.