ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

އެއިރެއްގެ ވެރިކަމުގައި ހުންނަ ބޭފުޅަކީ ޑީއާރުޕީގެ ޒައީމް، އަޅުގަނޑު މިހިރީ ރައީސް ސޯލިހާ އެކު : ޖާބިރު

އައިދާ އަބްދުލް ހަކީމް

އެއިރެއްގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކީ ޑީއާރުޕީގެ ޒައީމް ކަމަށާއި އެހެން ކަމުން އޭނާ ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ގެނެސްދޭ ފަށާއިރު ޕްރޮގްރާމުގައި މިއަދު ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ޑީއާރުޕީ އުފެއްދިއިރު އޭރު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫން ކަމަށާއި އެހެންކަމުން އޭރުގައި ޑީއާރުޕީގެ ޒައީމަކަށް ވެގެންދިޔައީ މައުމޫން ކަމަށެވެ.

ޖާބިރު ވިދާޅުވީ އޭނާ ޑީއާރުޕީގެ ލީޑާޝިޕާ ހަވާލުވި ހިސާބުން އެޕާޓީއަށް ހެޔޮބަދަލުތަކެއް އަންނަ ކަމަށެވެ. އެގޮތުން މިހާރު ޑީއާރުޕީ ހިންގަމުން އަންނަނީ ރައްޔިތުންގެ ބައިވެރިވުމާ އެކު ރައްޔިތުން ގަޔާވާ ގޮތަށް ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީގެ ފަރާތުން ބައިވެރިވާ ފަރާތްތަކުގެ ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ޕްރައިމަރީއަކާ ނުލައި، ކެންޕެއިނަށް ބޭނުންވާ ބަޖެޓާއެކު ދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

ޑީއާރުޕީން ހުރިހާ ދާއިރާތަކަށް ވާދަކުރުމަށް ނިންމާފައިވާ ކަމަށާއި، އެހެން ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ މީހުންނަށް ވެސް ޑީއާރުޕީގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޖާބިރު ވިދާޅުވިއެވެ. ޕްރައިމަރީ އަކީ އެބޭފުޅާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށާއި ޕްރައިމަރީ އަކީ މިނެކިރުމުން ވައްކަން ކުރުން ކަހަލަ ކަމެއް ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

މިއަދުގެ ޕްރޮގްރާމުގައި ޖާބިރު ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީޕު ކުރައްވާފައި ވާއިރު، މިދިޔައަހަރު ޖާބިރު ވިދާޅުވެފައިވަނީ މިއަހަރުގެ ރައްޔަިތުންގެ މަޖިލިސް ހުޅުވުމުން ރައީސް ސޯލިހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެކި ޖަލްސާގައި ޖާބިރު ވަނީ ރައީސް ސޯލިހަށް ވައްކަމުގެ ތުހުމަތުކޮށް، ރިޝްވަތުގެ ފައިސާ ބެއްސެވި ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ވެސް ރައީސް ސޯލިހު ޖެހިވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އަދި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެމްޑީޕީއަށް ލިބުނު ވެރިކަން ފޭރިގެން ކަމަށާއި އޭނާގެ އަތުން ރައީސް ސޯލިހު ފައިސާ ނެންގެވި ކަމުގެ ތުހުމަތު ވެސް ތަކުރާރުކޮށް ޖާބިރު ގެންދެވީ ކުރައްވަމުންނެވެ.