ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާގެ ޝޫޓިން ތެރެއިން ނޯރާ ފަތޭހީއަށް އަނިޔާވެއްޖެއެވެ.
މި ފިލްމަކީ އަޖޭ ދޭވްގަން ލީޑުން ފެނިގެންދާ އެކްޝަން ފިލްމެކެވެ. ފިލްމުގެ ބަތަލާއަކަށް ކުރިން ހޮވާފައި އޮތީ ޕަރިނީތީ ޗޯޕްރާއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރުގައި ޕަރިނީތީ ފިލްމުން ވަކިވުމާއެކު ނޯރާ ވަނީ ފިލްމަށް ހޮވާފައެވެ.
ފިލްމާ ގުޅޭ ގޮތުން މީޑިއާއަށް ނޯރާ ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގެ ޝޫޓިން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވާ ކަމަށާއި ފުރަތަމަ ޝެޑިއުލު ތެރޭގައި އޭނާއަށް އަނިޔާވެފައިވާ ކަމަށެވެ.
"އަހަރެންގެ ނިތްކުރިއަށް އަނިޔާވީ. ޒަހަމް އަދިވެސް އެބަހުރި. ވަރަށް އުނދަގޫ އެކްޝަން ސީނެއް ކުޅުމުގެ ތެރޭގައި އެހެންވީ. ނަމަވެސް މި ކުރެވޭ އެކްސްޕީރިއެންސް ވަރަށް ސަޅި. ފިލްމާ ގުޅުނީ ވަރަށް ފަހުން. އެހެންވެ އެހާ ބޮޑަށް ފިލްމަށް ތައްޔާރު ނުވެވޭ. މިކުޅެނީ ވަރަށް އުނދަގޫ ރޯލެއް. އެކަމަކު އެހާ ރަނގަޅަށް އެރޯލު ކުޅެވޭތީ އުފާވޭ" ނޯރާ ބުންޏެވެ.
ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ ރިލީސްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރު އޯގަސްޓުގައެވެ.