އުމަރު ނަސީރު

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އާދެވިއްޖެނަމަ، ތިން މަސްތެރޭގައި ގޭންގްތައް ނައްތާލާނަން: އުމަރު

ޝަހީދާ އަބްދުﷲ ސައީދު

4

ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަނެވިއްޖެނަމަ، ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއިން ގޭންގްތައް ނައްތާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ ''އަވަސް ހުކުރު'' ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާއި، ގޭންގްތައް ހަރަކާތްތެރިވާން ފެށިފަހުން މިހާރު 15 ވަރަކަށް އަހަރުވެއްޖެ ކަމަށެވެ. އަދި މިއަދާ ހަމައަށް އައި އިރުވެސް އެކަމަށް އެއްވެސް ވެރިއަކަށް ހައްލު ހޯދައިދެވިފައި ނުވާކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ގޭންގްތައް ރޫޅާލަން އެއްވެސް ސިޔާސީ ލީޑަރަކަށް ކެރިވަޑައި ނުގެންނެވި ކަމަށާއި، އަމާން ގައުމަކަށް ރާއްޖެ ހެދުމަށް އެއްވެސް ލީޑަރަކަށް ކެރިވަޑައި ނުގެންނެވި ކަމަށެވެ.

އުމަރު ވިދާޅުވީ އޭނާ ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންފިނަމަ، 3 މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ގޭންގްތައް ފުނޑުފުނޑުކޮށް، ނައްތާލާނެ ކަމަށެވެ. އަދި ގޭންގް ތަކަށް އެންމެ ފުރަތަމަ ހަމަލާއެއް ދޭން ކެރިވަޑައިގަތީވެސް އުމަރު ހޯމްމިނިސްޓަރުކަމުގައި ހުންނަވައިގެން ކަން ފާހަގަކުރެއްވިއެވެ.

އުމަރު ވިދާޅުވީ ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ރާއްޖެއިން ގޭންގްތައް ނައްތާލަން ވަރަށް ގިނަ މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހި ވަޑައިގެންކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ ގޭންގްތަކުގެ މޫތައް ދައުލަތުގެ ތެރެއަށް ވެސް ވަދެފައިވާތީ ގޭންގްތައް އުފުރާލަން ފެށުމުން އަޑުކިޔަން ފެށި ކަމަށެވެ.

އަދި އޭގެ ސަބަބުން ހޯމްމިނިސްޓަރުގެ ބާރުތައް ނަގައި، އަތްފައި ބަނދެލި ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރު ކަމުގެމަގާމުގައި އުމަރު ހުންނެވި އިރު، ކުށްވެރިންގެ ފައިގައި ޓެގް އަޅުވައިގެން ފުލުހުން ބަލަހައްޓަމުން ގެންދިޔައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟