އޭއެފްސީ ކަޕްގެ ޕްލޭއޯފްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ.
އިންޑިއާގައި ރޭ ކުޅުނު ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގު މެޗުގައި ބެންގަލޫރުން ވަނީ 9-1ގެ ނަތީޖާއަކުން ބޫޓާންގެ ޕަރޯ އެފްސީ ބަލިކޮށްފައެވެ. އޭގެ ކުރިން ބޫޓާންގައި ކުޅުނު ފުރަތަމަ ލެގު މެޗު ބެންގަލޫރު ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު މެޗުގައި ބެންގަލޫރުން ޖެހި ނުވަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ އިންޑިއާ ފޯވަޑް ތޮންގްކޮސިއެމް ހައޮކިޕްއެވެ. ބެންގަލޫރުގެ ޖެމެއިކާ ފޯވަޑް ޑެޝޯން ބްރައުން ވެސް އެޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދިނެވެ.
ސުނިލް ޗެތުރީގެ ކެޕްޓަންކަމުގެ ދަށުން ކުޅެމުންދިޔަ ބެންގަލޫރަށް އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ޑިފެންޑަރު ޖުއަނާން އާއި ސްޕެއިން ފުލް ބެކް ނިލީއެވެ. މެޗުގައި ޕަރޯ އެފްސީން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުރިން ބެންގަލޫރަށް ކުޅުނު ބޫޓާންގެ ފޯވަޑް ޗެންޗޯ ޔެލްޓްޝެންއެވެ.
މާޒިޔާ އިން ޕްލޭއޯފްގެ ޖާގައެއް ހޯދީ ބަންގުލަދޭޝްގެ ދާކާ އަބަހާނީ ކަޓުވާލުމަށްފަހުއެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި މާޒިޔާ އާއި އަބަހާނީ އިއްޔެ ކުޅުނު ދެވަނަ ލެގު މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އޭގެ ކުރިން ބަންގުލަދޭޝްގައި ކުޅުނު މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މާޒިޔާއަށް ޕްލޭއޯފްގެ ޖާގައެއް ލިބުނީ އަވޭ ގޯލުގެ އެޑްވާންޓޭޖުންނެވެ.
ޕްލޭއޯފް ބުރުގައި މާޒިޔާ އާއި ބެންގަލޫރުން ފުރަތަމަ ލެގު މެޗަށް ނުކުންނާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ. އަދި އިންޑިއާގައި ކުޅޭ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
ޕްލޭއޯފް ބުރުން ކުރި ހޯދާ ޓީމަކަށް އޭއެފްސީ ކަޕްގެ "ގްރޫޕު އީ" އިން ފުރުސަތު ލިބިގެންދާނެއެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ބަންގުލަދޭޝްގެ ލީގު ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ އިތުރުން އިންޑިއަން ސުޕާ ލީގުގެ ޗެމްޕިއަން ޗެންނާއީ އެފްސީއެވެ.