އިންޑިއާގެ ޓެނިސް ތަރި ސާނިއާ މިރްޒާ، ހަތަރު މަސް ތެރޭ 26 ކިލޯ ހިއްކާލައިފިއެވެ.
ސާނިއާ ވަނީ ކުރީގެ ފޮޓޯއަކާއި ފަހުން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އެއީ ބަރުދަނުގައި 89 ކިލޯ ހުރިއިރު ނަގާފައިވާ ފޮޓޯއަކާއި ބަރުދަނުގައި 63 ކިލޯ ހުރިއިރު ނަގާފައިވާ ފޮޓޯއެކެވެ.
ދެ ފޮޓޯއާއެކު އިންސްޓަގްރާމުގައި ސާނިއާ ލިޔެފައިވަނީ އެންމެން ވެސް އަމާޒުތަކެއް ހިފާނެ ކަމަށާއި އޭގެ ތެރޭގައި ކޮންމެ ދުވަހެއްގެ އަމާޒުތަކާއި ދިގު މުއްދަތުގެ އަމާޒުތައް ހިމެނޭނެ ކަމަށެވެ. އަދި ސާނިއާގެ އަމާޒުތައް ހާސިލުކުރުމަށް ހަތަރު މަސް ހޭދަވި ކަމަށް ވެސް އޭނާ ލިޔެފައިވެއެވެ.
ސާނިއާ ވަނީ 2018ގެ ޑިސެމްބަރު މަހު ފިރިހެން ކުއްޖަކު ވިހައިފައެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔާ ޝުއައިބު މަލިކާއެވެ.
ސާނިއާ ވަނީ އޭނާ ވިހެއުމަށްފަހު ބަރުދަން ލުއިކުރުމަށް ކުރިމަތިވި ގޮންޖެހުންތައް ވެސް އިންޓަގްރާމުގައި ހިއްސާކޮށްފައެވެ. ވިހެއުމަށްފަހު ރަނގަޅު ސިއްހަތެއްގައި ހުރުމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އަލުން އެންމެ މަތީ ފަންތީގައި ޓެނިސް ކުޅުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ސާނިއާ ބުނެފައިވެއެވެ.