ބަންގުލަދޭޝްގެ ދާކާ އަބަހާނީ ކަޓުވާލުމަށްފަހު ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އޭއެފްސީ ކަޕްގެ ޕްލޭއޯފް ބުރުން ޖާގަ ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު މާޒިޔާ އާއި އަބަހާނީ ބައްދަލުކުރި އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އޭގެ ކުރިން ބަންގުލަދޭޝްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މާޒިޔާއަށް ޕްލޭއޯފް އިން ފުރުސަތު ލިބުނީ އަވޭ ގޯލުގެ އެޑްވާންޓޭޖުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އަބަހާނީއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 31 ވަނަ މިނެޓުގައި ސަންޑޭ ޗިޒޯބާ ފޮނުވާލި ހަމަލާ އާއި މެޗުގެ 35 ވަނަ މިނެޓުގައި ސޮހޭލް ރާނާ ފޮނުވާލި ހަމަލާ ވެސް މާޒިޔާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މާޒިޔާގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ފޮނުވާލި ހަމަލާ، އަބަހާނީގެ ކީޕަރު ޝާހިދުލް އަލަމް ވަނީ މަތަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އިން ވަނީ ކުރިއަށްޖެހި އަބަހާނީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި މާޒިޔާގެ ފޭދޫ އިއްބެއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އަސަދުﷲ އަބްދުﷲ (އަސައްކޮ) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ، އަބަހާނީގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 68 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަސައްކޮއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އިބްރާހިމް އައިސަމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަސައްކޮ ފޮނުވާލި ހަމަލާ އަބަހާނީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް ދިޔަ އިރު، ހަމްޕު ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަސައްކޮ ފޮނުވާލި ހަމަލާ އަބަހާނީގެ ޑިފެންޑަރު ޓުޓުލް ހުސައިން ބާދުޝާ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ވެސް އަސައްކޮއަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. ރުބެލް މިއާ ދިން ބޯޅައެއް ހޯދުމަށް އަބަހާނީގެ ކީޕަރު ޝާހިދުލް އަލަމް ކުރިއަށް ޖެހުނު ވަގުތު އަސައްކޮ އެ ބޯޅަ ހޯދި ނަމަވެސް، ހަމަލާއެއް ފޮނުވާލުމުގެ ކުރިން ކީޕަރު ޝާހިދުލް އަލަމް ވަނީ އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލައިފައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި މާޒިޔާއަށް އިތުރު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ހަމަލާ އަބަހާނީގެ ކީޕަރު ޝާހިދުލް އަލަމް މަތަކުރި އިރު، އައިސަމް ނަގައިދިން ކޯނަރަކުން މާޒިޔާގެ އަފްޣާން ޑިފެންޑަރު ޝަރީފް މުހައްމަދު ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އަބަހަނީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް އަބަހާނީއަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އެޑްގާ ބާންހާޓް ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ރުބެލް މިއާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. ރުބެލްއަށް ބޯޅަ ލިބުނު އިރު، މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރޭ އޭނާ ހުރީ ވަރަށް ހުސްކޮށެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ދެ ޓީމުގެ މެދުގައި މައްސަލަ ހޫނުވެ ހަމަނުޖެހުމެއް ހިނގިއެވެ. އެ ހަމަނުޖެހުން ހިނގާފައިވަނީ އަބަހާނީގެ ކެޕްޓަން ސޮހެލް ރާނާ އާއި މާޒިޔާގެ ކޯޗު މާރްޔަން ސެކުލޮވްސްކީއާ ދެމެދު ރައްދުކުރެވުނު ބަހުގެ ހަމަލާތަކަކަށްފަހުއެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު ބެންޗުން ވެސް ފޮނުވާލިއެވެ.
ޕްލޭއޯފްގައި މާޒިޔާ ނުކުންނަން ޖެހޭ ޓީމެއް ކަށަވަރުވާނީ މިރޭ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާންގެ ޕަރޯ އެފްސީ ބައްދަލުކުރާ ޕްރިލިމިނަރީ ބުރުގެ މެޗަށްފަހުއެވެ. ބޫޓާންގައި ކުޅުނު ފުރަތަމަ ލެގު މެޗު 1-0ގެ ނަތީޖާއަކުން ބެންގަލޫރު ވަނީ މޮޅުވެފައެވެ. މިރޭ 7:00ގައި ކުޅޭ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ.