ސަލާމަތީ އެއްވެސް ފިޔަވަޅެއް އެޅުމެއް ނެތި ހުޅުމާލޭގެ ގެއެއްގެ ފުރާޅުމަތީގައި މަސައްކަތްކުރަން ތިބި ދެ ބިދޭސީއެއްގެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
ޓުވިޓާގައި އާންމު ފަރާތަކުން ހިއްސާކޮށްފައިވާ އެ ވީޑިއޯއިން ފެންނަނީ ވާގަނޑެެއްގެ އެހީއާއެކު ގެއެއްގެ ފުރާޅުމަތީގައި ދެ ބިދޭސީން ހަރަކާތްތެރިވާ މަންޒަރެވެ. އެ ވީޑިއޯ މީސް މީޑިއާގައި ވައިރަލްވެފައިވާއިރު، އެތައް ބަޔަކު އަންނަނީ އެ ބިދޭސީން ލައްވައި އެކަން ކުރިވި ފަރާތްތައް ހައްޔަރުކޮށް ފިޔަވަޅު އަޅަން ޖެހޭ ކަމުގައި ބުނަމުންނެވެ.
މި ކަމާ ގުޅޭ ގޮތުން "ވަން" އިން މާލޭ ސިޓީ ކައުންސިލުގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ކާމިޔާބުވާ ގޮތް ނުވެފައެވެ.
ބައެއް ކަހަލަގެ މަސައްކަތް، ހާއްސަކޮށް ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާއިރު ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އަދި އެފަދަ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
ސަލާމަތީ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމުގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާތަކެއް ވަނީ ހިނގައިފައެވެ.