ވިޔަފާރި

"ގޯލްޑް 100ގާލާ" އަދި ބިޒްނަސް އެކްސްޕޯ 2020ގެ ގޯލްޑް ޕާޓްނަރަކަށް ސިންފަނީ

މަރިޔަމް ޝަހުދާ

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ "ގޯލްޑް 100ގާލާ" އަދި ބިޒްނަސް އެކްސްޕޯ 2020ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ސިންފަނީން ސޮއިކޮށްފިއެވެ.

މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ސިންފަނީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރު އިޝާނާ ވަލީދެވެ. ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮރްކާ މީޑިއާ ގްރޫޕުގެ ޗީފް އެގްޒެކެޓިވް މެނޭޖަރު، ޑރ.ހުސައިން ސަނީ އުމަރެވެ.

ގޯލްޑް 100 އާއި ގޯލްޑް 100 ގާލާ އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން އެވޯޑު ދިނުމަށް ހަމަޖައްސާފައިވަނީ ކަނޑައެޅިފައިވާ ވަކި ކްރައިޓީރިއާއެއްގެ ތެރެއިންނެވެ.

އެގޮތުން ގޯލްޑް 100ގެ ދަށުން ރާއްޖޭގެ އެންމެ ފުންނާބު އުސް 100 ވިޔަފާރި ކޯޕަރޭޓް މޯލްޑިވްސްގައި "އަލްފެބެޓިކް" ތަރުތީބުން ޝާއިއު ކުރާނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ. ގޯލްޑް 100 އަދި ގޯލްޑް ގާލާ 2019 މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހު 25 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

ކޯޕަރޭޓް މޯލްޑިވްސް އިން ބޭއްވުމަށް ހަމަޖައްސާފައިވާ ބިޒްނަސް އެކްސްޕޯ އަކީ "ޕްރިމިއާ ބިޒްނަސް ނެޓްވޯކިންގް އެންޑް ޓްރޭޑް ޝޯ" އެއް ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ. އަދި މި އެކްސްޕޯއަކީ 3000އަށް ވުރެ ގިނަ ތަޖުރިބާކާރުންނާއި 150 އަށްވުރެ ގިނަ ބިޒްނަސް އެކްޒިބިޓާސް ބައިވެރިވާނެ އިވެންޓެއް ކަމަށް ވެސް ކޯޕްރޭޓް މޯލްޑިވްސް އިން ބުނެއެވެ.

ބިޒްނަސް އެކްސްޕޯ 2020 ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހު 23 އަދި 24 ގައި ދަރުބާރުގޭގައި ކަމަށް ކޯޕްރޭޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

ކޯޕަރޭޓް މޯލްޑިވްސް އަކީ އޮރްކާ މީޑިއާ ގްރޫޕުގެ ބިޒްނަސް އެންޑް ހޮސްޕިޓޭލިޓީ މެގަޒިންއެވެ.

"ވަން އޮންލައިން" އަކީ ''ގޯލްޑް 100 ގާލާ''ގެ މީޑިއާ ޕާޓްނަރެވެ.