އެ ނަތީޖާއާ ގުޅިގެން މާޒިޔާއަށް ވަނީ އޭއެފްސީ ކަޕުގެ ޕްލޭއޯފްގެ ބުރުން ޖާގަ ލިބިފައި. ޕްލޭއޯފްގައި މާޒިޔާ ނުކުންނަން ޖެހޭ ޓީމެއް ކަށަވަރުވާނީ މިރޭ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާންގެ ޕަރޯ އެފްސީ ބައްދަލުކުރާ ޕްރިލިމިނަރީ ބުރުގެ މެޗަށްފަހު. ބޫޓާންގައި ކުޅުނު ފުރަތަމަ ލެގު މެޗުން ބެންގަލޫރު ވަނީ 1-0ގެ ނަތީޖާއަކުން މޮޅުވެފައި. މިރޭގެ މެޗު ކުޅޭނީ އިންޑިއާގައި.
މެޗަށްފަހު ވެސް އަބަހާނީގެ ކުޅުންތެރިން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުން.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.
ހަމަނުޖެހުން ކޮންޓްރޯލުކުރުމަށްފަހު ރެފްރީ ވަނީ އަލުން ކުޅުން ފަށާފައި.
ހަމަނުޖެހުމާ ގުޅިގެން މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު ބެންޗުން ފޮނުވާލައިފި.
ދެ ބެންޗުގެ ދެމެދުގައި މައްސަލަ ހޫނުވެ ހަމަނުޖެހުމެއް ހިނގައިފި.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓު.
90' މާޒިޔާގެ ފަހު ބަދަލު. ހަމްޕުގެ ބަދަލުގައި ކުޅެން ނުކުތީ އަމްދާން އަލީ (އެންޑީ).
84' މާޒިޔާ އިން ބަދަލެއް. އަސައްކޮގެ ބަދަލުގައި ކުޅެން ނުކުތީ މޫސާ ޔާމީން (ޔާމްބެ).
80' އަބަހާނީއަށް ހުސް ފުރުސަތެއް. އެޑްގާޓް ދިން ބޯޅައަކުން މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއިން ރުބެލް މިއާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް. ރުބެލްއަށް ބޯޅަ ލިބުނު އިރު، މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރޭ އޭނާ ހުރީ ވަރަށް ހުސްކޮށް.
79' މާޒިޔާ އިން ބަދަލެއް. ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ހުސައިން ނިހާން (ނިހާޓު).
78' މާޒިޔާއަށް ހުސް ފުރުސަތެއް. އައިސަމް ނަގައިދިން ކޯނަރަކުން ޝަރީފް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އަބަހަނީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް. ޝަރީފަށް ބޯޅަ ލިބުނު އިރު އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރޭގައި އޭނާ ހުރީ ވަރަށް ހުސްކޮށް.
77' މާޒިޔާގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ހަމްޕު ފޮނުވާލި ހަމަލާ، އަބަހާނީގެ ކީޕަރު ޝާހިދުލް އަލަމް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައި.
71' މާޒިޔާއަށް އަނެއްކާވެސް ފުރުސަތެއް. ރުބެލް މިއާ ދިން ބޯޅައެއް ހޯދުމަށް އަބަހާނީގެ ކީޕަރު ޝާހިދުލް އަލަމް ކުރިއަށް ޖެހުނު ވަގުތު އަސައްކޮ ބޯޅަ ހޯދައި، ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ހަމަލާއެއް ފޮނުވާލުމުގެ ކުރިން ކީޕަރު ޝާހިދުލް އަލަމް ވަނީ އެ ބޯޅަ ކޯނަރަކަށް ބޭރުކޮށްލާފައި.
69' މާޒިޔާއަށް އިތުރު ފުރުސަތެއް. ހަމްޕު ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އަސައްކޮ ފޮނުވާލި ހަމަލާ، އަބަހާނީގެ ޑިފެންޑަރު ބާދުޝާހް ވަނީ މަތަކޮށްފައި.
68' މާޒިޔާއަށް ލަނޑު ޖަހާނެ ފުރުސަތެއް. އައިސަމް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އަސައްކޮ ފޮނުވާލި ހަމަލާ ދިޔައީ އަބަހާނީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
61' އަބަހާނީން ބަދަލެއް. ނަބީބް ޖިބޮންގެ ބަދަލުގައި ކުޅެން ނުކުތީ ރުބެލް މިއާ.
58' މާޒިޔާއަށް ފުރުސަތެއް. އަސައްކޮ ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޯނެލިއަސް ބޮލުން ފޮނުވާލި ހަމަލާ އަބަހާނީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
56' އަބަހާނީގެ ނުރައްކާތެރި ހުރަހެއް. ގޯލު ކުރިމައްޗަށް އެޑްގާ ހުރަސްކޮށްލި ބޯޅަ، މާޒިޔާގެ ކީޕަރު އޯވޭސް އަޒީޒީ ވަނީ މަތަކޮށްފައި.
52' ހިލޭ ޖެހުމަކުން ހަމްޕު ނަގައިދިން ހުރަހުން ޕެނަލްޓީ އޭރިއާ ތެރެއިން ކޯނެލިއަސް ބޮލުން ފޮނުވާލި ހަމަލާ، އަބަހާނީގެ ގޯލާ އަމާޒެއް ނުވި.
49' މާޒިޔާއަށް ފުރުސަތެއް. އަސައްކޮ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ، އަބަހާނީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
47' ޕެނަލްޓީ އޭރިއާ ބޭރުން ސޮހޭލް ރާނާ ފޮނުވާލި ހަމަލާ، މާޒިޔާގެ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ މާޒިޔާ އިން.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން.
45' މާޒިޔާގެ ނުރައްކާތެރި ހަމަލާއެއް. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޭދޫ އިއްބެ ފޮނުވާލި ހަމަލާ، އަބަހާނީގެ ކީޕަރު ޝާހިދުލް އަލަމް ވަނީ މަތަކޮށްފައި.
42' އައިސަމްގެ ހިލޭ ޖެހުން އަބަހާނީގެ ގޯލާ އަމާޒުނުވެ ބޭރަށް.
41' އަބަހާނީގެ ޕެނަލްޓީ އޭރިއާ ބޭރުން އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އަށް ސޮހޭލް ރާނާ ކުރި ފައުލަކާ ގުޅިގެން މާޒިޔާއަށް ހިލޭ ޖެހުމެއް.
38' އަބަހާނީއަށް އިތުރު ފުރުސަތެއް. ޕެނަލްޓީ އޭރިއާ ބޭރުގައި ހުސްކޮށް ހުރެ އެޑްގާ ބާންހާޓް ފޮނުވާލި ހަމަލާ، މާޒިޔާގެ ގޯލާ އަމާޒުވެފައެއް ނުވޭ.
35' އަބަހާނީގެ ހަމަލާއެއް. ޕެނަލްޓީ އޭރިއާ ބޭރުން ސޮހޭލް ރަނާ ފޮނުވާލި ބާރު ހަމަލާ، މާޒިޔާގެ ގޯލާ އަމާޒެއް ނުވި.
34' މާޒިޔާގެ ހާފުގެ ތެރެއިން ބެލްފޯޑްއަށް ސަމޫހު އަލީ (ސަމުއްޓޭ) ކުރި ފައުލަކާ ގުޅިގެން އަބަހާނީއަށް ހިލޭ ޖެހުމެއް.
31' އަބަހާނީއަށް ފުރުސަތެއް. ހިލޭ ޖެހުމަކުން މާމޫނުލް އިސްލާމް ނަގައިދިން ހުރަހުން ސަންޑޭ ޗިޒޯބާ ބޮލުން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.
27' އަބަހާނީގެ ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ސާދު އުދިން ފޮނުވާލި ހަމަލާ، މާޒިޔާގެ ކީޕަރު އޯވޭސް އަޒީޒީ ވަނީ މަތަކޮށްފައި.
26' ސްޓެވާޓް ނަގައިދިން ހުރަސް، އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއިން ނުރައްކާވުމުގެ ކުރިން ޑިފެންޑަރު މައިލްސަން ދިފާއުކޮށްފި.
މާޒިޔާ އިން ރަށުން ބޭރުގައި ދެ ލަނޑު ޖަހާފައިވުމަކީ އެޓީމަށް އޮތް އެޑްވާންޓޭޖެއް. މިއަދުގެ މެޗުގައި މާޒިޔާއަށް 0-0 ނުވަތަ 1-1ގެ ނަތީޖާއަކުން އެއްވަރުކޮށްލައިގެން ވެސް ގްރޫޕު ސްޓޭޖަށް ދެވޭނެ.
20' ޕެނަލްޓީ އޭރިއާ ތެރެއަށް އަހްމަދު އަބްދުﷲ (ލިލީ) އެއްލި ބޯޅަ، މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް ރަނގަޅަށް ކޮންޓްރޯލް ކުރެވޭގޮތެއް ނުވި.
މީގެ ކުރިން އޭއެފްސީ ކަޕްގެ ގްރޫޕު ސްޓޭޖުގައި މާޒިޔާ އާއި އަބަހާނީ ވަނީ ދެ މެޗެއްގައި ބައްދަލުކޮށްފައި. އޭއެފްސީ ކަޕް 2017ގައި ކުޅުނު އެ ދެ މެޗު ވެސް 2-0ގެ ނަތީޖާއަކުން މާޒިޔާ އިން ވަނީ ކާމިޔާބުކޮށްފައި.
15' ސްޓެވާޓްގެ ހުރަހެއް. އަބަހާނީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ސްޓެވާޓް ހުރަސްކޮށްލި ބޯޅަ ލިބޭ ހިސާބުގައި މާޒިޔާގެ ކުޅުންތެރިޔަކު ނެތް.
12' ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދަނީ އަބަހާނީން. ނަމަވެސް ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވޭ.
މާޒިޔާ އިން ކުރިއަށްޖެހި ނުރައްކާކުރަން މަސައްކަތްކުރި ނަމަވެސް، އަބަހާނީގެ ޑިފެންޑަރުން ބޯޅަ ހޯދައިފި.
މެޗުގެ ކުޅުން ފަށައިފި.
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ބަންގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!
މިއަދު ހަވީރު 4:00ގައި ކުޅޭ އެ މެޗަށް ނުކުނަން އިރު ބަންގުލަދޭޝްގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން.