ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓްކުރާ ހަފުލާތަކުގައި ރަސްމީ ހައިސިއްޔަތުން ނޫންގޮތަކަށް ބައިވެރިނުވުމަށް މަރީއަށް އަންގަން ފާސްކޮށްފި

އިބްރާހިމް ޒަކީ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ސަރުކާރުގެ ހަފުލާއެއް ހުށަހަޅުއްވައިދެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކޮށް އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ބްރޯޑްކާސްޓްކުރާ އެފަދަ ހަފުލާތަކުގައި ބައިވެރިނުވުމަށް ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަހީދާއަށް އަންގަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، މެންބަރުންގެ ސުވާލުތަކަށް މަރީ ދެއްވި ޖަވާބާއި، މަރީ ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން މެންބަރުން ބަހުސް ކުރެއްވުމަށްފަހު، ބްރޯޑްކާސްޓިން ކޮމިޝަންގެ އެއްވެސް މެންބަރަކު މަގާމުގެ ހައިސިއްޔަތުން ފިޔަވައި ބްރޯޑްކާސްޓް ކުރާ އެއްވެސް ޖަލްސާއެއްގައި ބައިވެރި ނުވެވޭ ގޮތަށް ބްރޯޑްކޮމްގެ ގަވާއިދުގައި ލިޔުމަށް އެ ކޮމިޝަނަށް އެންގުމަށްވެސް ވަނީ ނިންމައިފައެވެ.

މަރީ ކޮމިޓީއަށް ހާޒިރު ކުރީ، ބްރޯޑްކޮމްގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަފުލާއެއް ހުށަހަޅުއްވި މައްސަލައިގަ އެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަރީ ވިދާޅުވީ، އޭނާ ހުށަހަޅުއްވައި ދެއްވި ޓޫރިޒަމް މިނިސްޓްރީގެ ހަފުލާއަކީ ދައުލަތުގެ ހަފުލާއެއް ކަމަށެވެ. އަދި މީގެ ކުރިންވެސް ދައުލަތުން ބާއްވާ އެފަދަ ޖަލްސާތަކާއި ހަފުލާތައް ހުށަހަޅުއްވައި ދެއްވުމަށް އިންކާރު ކުރައްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ބާއްވާ ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަކީ، ގާނޫނުން މަނާ ކޮށްފައިވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އެ ޖަލްސާގައި އެއްވެސް ވަރަކަށް ސަރުކާރަށް އަދި ވަކި ފަރާތަކަށް ސަނާ ކިޔައި ތައުރީފު ކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ބްރޯޑްކާސްޓީން ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން، ކޮމިޝަންގެ މެންބަރުންނަށް ބައިވެރި ނުވެވެނީ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކުގަ އެވެ. ނަމަވެސް ސަރުކާރާއި ސަރުކާރުގެ ވުޒާރާތަކުން ބާއްވާ އެއްވެސް ހަފުލާއެއް ހުށަހަޅުއްވައި ދެއްވުމާއި، އެފަދަ ހަފުލާއެއްގައި ބައިވެރިވެވަޑައިގަތުމާ ބެހޭގޮތުން ގާނޫނުގައި ވަކި ގޮތަކަށް ބަޔާން ކޮށްފައެއް ނުވެއެވެ.

އެ ހަފުލާ ހުށަހަޅުއްވައި ދެއްވި މައްސަލައިގައި ކޮމިޓީގެ މެންބަރުންގެ ކަންބޮޑުވުންތައް ފާހަގަ ކުރައްވައި މަރީ ވިދާޅުވީ، ސިޔާސީ ޕާޓީތަކާއި ސަރުކާރުން ބާއްވާ ޖަލްސާތަކުގައި ދެން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. ނަމަވެސް އަމިއްލަ ފަރާތްތަކުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް އެކަމާގުޅިގެން ވެސް ބައެއް މެންބަރުން ކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވައި ސުވާލުކުރެއްވިއެވެ.

އެއަށްފަހު، އަޅާނެ ފިޔަވަޅުތަކަކާ މެދު ކޮމިޓީގެ މެންބަރުން މަޝްވަރާ ކުރުމަށްފަހު، ބްރޯޑްކޮމްގެ މެންބަރުން ބްރޯޑްކާސްޓް ކުރާ ޖަލްސާތަކާއި ހަފުލާތަކުގައި ބައިވެރި ވުމާ ގުޅޭގޮތުން ގާނޫނު އިސްލާހު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކޮމިޓީން ވަނީ ނިންމައިފައެވެ.