ބްރޯޑްކާސްޓިން ކޮމިޝަން

ރުހުން ނުދިން ޝިފްލާ އާއި އަނާ ލިސްޓުގެ ކުރީގައި ހިމަނައި ބްރޯޑްކޮމް އަށް ކުރިމަތިލި ނަންތައް ދިރާސާކުރަން ކޮމިޓީއަށް

އިބްރާހިމް ޒަކީ

މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ކުރިމަތި ލައްވައިގެން މަޖިލީހަށް ފޮނުވި ނަމަވެސް މަޖިލީހުން ރުހުން ނުދިން، ޝިފްލާ އިބްރާހީމް އާއި އައިމިނަތު އަމީނާ ލިސްޓުގެ ކުރީގައި ހިމަނައިގެން، ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި 15 ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ ނަންތައް ދިރާސާކޮށް، ގޮތެއް ނިންމުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި، ވިދާޅުވެފައިވަނީ ބްރޯޑްކޮމް އަށް ކުރިމަތިލާން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދެވަނަ ފަހަރަށް ހުޅުވާލެއްވި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ލިސްޓް މަޖިލީހަށް ފޮނުއްވާފައި ވަނީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ތަރުތީބުން ކަމަށެވެ.

މި ލިސްޓުގައި މީޑިއާގެ ދާއިރާގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ، ބައެއް ބޭފުޅުންވެސް ހިމެނި ވަޑައިގަންނަވައެވެ.

އޭގެ ތެރޭގައި ކުރީރެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު ވެސް ހިމެނިވަޑައިގަންނަވައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުން:

  • ޝިފްލާ އިބްރާހީމް، ގ. މަސްއޮޑިގެ
  • އައިމިނަތު އަމީނާ، ހަނދުވަރީގެ ލ.ކުނަހަންދޫ
  • އައިމިނަތު ނުޒުހާ، ރިވޯޑް ހއ.ހޯރަފުށި
  • ސައުދާ ސަލީމް، ރަބީއީ މަންޒިލް ހއ. ހޯރަފުށި
  • މުހައްމަދު ފަޒީން، ހޭޒްލީން ބ.ތުޅާދޫ
  • އަލްއުސްތާޒު ޒުބެއިރު އަހުމަދު މަނިކު، ގ.މަލވިނަ
  • މޫސާ ރިލްވާން، މ.ހާވިލާ
  • އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު، މާޒީ ލ. މާވަށް
  • ހުސެއިން ފާއިޒް، މެޑޯޒް ދ.ކުޑަކުވަދޫ
  • އިމްރާނާ ބިންތު އަބުދުﷲ، މ.ކަރޭޖް
  • އިސްމާއިލް ސާޖިދު، މއ.ވިލާރޮދި
  • އަހުމަދު ހަލީލް، މއ.ހަތާ
  • މުހައްމަދު ރަޝީދު އަހުމަދު، ހ.ދޮންއަންނާރުގެ
  • އަހުމަދު ފައިރޫޒު، މއ.ރަސްއައިން
  • އައިޝަތު އަރީފާ، ތިބުރޯޒުގެ ގދ.ގައްދޫ

ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ފާތުމަތު ޒައިނާގެ އިތުބާރު ނެތް ކަމަށް ނިންމައި ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާ ގުޅިގެންނެވެ.

އެ މަގާމަށް ކުރިމަތި ލުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މީހުންގެ ނަންތައް މަޖިލީހަށް ފޮނުވި ނަމަވެސް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެއްވެސް ނަމެއް ފާހެއް ނުވި އެވެ.

އެހެންކަމުން މިފަހަރު މަޖިލީހަށް ފޮނުވާފައިވަ ލިސްޓަކީ އެމަގާމަށް ކުރިމަތި ލުމަށް ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންނެވެ.

ބްރޯޑްކޮމް އިން މީގެ ކުރިން ޖުމްލަ ހަތަރު މެންބަރެއްގެ މަގާމު ހުސްވި އެވެ. އޭގެ ތެރެއިން ތިން މީހަކު މިހާރު ވަނީ މަގާމަށް އައްޔަން ކޮށްފަ އެވެ. އެއީ ޕީއެސްއެމްގެ ކުރީގެ ބޯޑު މެންބަރު އަދި ޕްރެޒެންޓަރު، މަރިޔަމް ވަހީދާ އާއި ރާއްޖެ ޓީވީގެ ކުރީގެ ނިއުސް ހެޑް އަލީ ޔޫސުފު އަދި އެމްޑީޕީ އެކްޓިވިސްޓް އަހްމަދު ގައިސް އެވެ. އޭގެ ތެރެއިން މަރިޔަމް ވަހީދާ މިހާރު ވަނީ އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަން ކޮށްފަ އެވެ. އަދި ނައިބަކަށް ވަނީ ގައިސް ހަމަޖައްސައިފަ އެވެ.

އެ ތިން މެންބަރުންގެ އިތުރުން ދެން ބްރޯޑްކޮމްގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ އަހްމަދު އަމްޖަދާއި، ޒީނާ ޒާހިރު އަދި އައިމިނަތު ސަހާރަތު އިއްޒަތެވެ.