އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ބަންގުލަދޭޝްގެ ދާކާ އަބަހާނީ މިއަދު ކުޅޭ މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. އެ މެޗުން ބަލިވާ ޓީމަށް އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖަށް ދަތުރުކުރުމުގެ ފުރުސަތު ބަންދުވާނެއެވެ.
ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގު މެޗު، މިދިޔަ ބުދަ ދުވަހު ބަންގުލަދޭޝްގައި ވަނީ ކުޅެފައެވެ. އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ޕްރިލިމިނަރީ ބުރުގައި މާޒިޔާ އާއި އަބަހާނީ ބައްދަލުކުރާ ދެވަނަ ލެގު މެޗު ކުޅޭނީ ރާއްޖޭގައެވެ.
މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއަކީ ރަނަރަޕް ޓީމު ކަމުގައިވިޔަސް، އެކްލަބުން ވަނީ މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާއެކު މިސީޒަނުގައި މާޒިޔާ އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.
މިސީޒަނުގެ ލީގުގައި މާޒިޔާ ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ ލީގުގެ ދެވަނަ ކަށަވަރުކޮށްފައިވާ ކްލަބު އީގަލްސްއާ ދެކޮޅަށެވެ. މާޒިޔާ އާއި އީގަލްސްއާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި މިހާތަނަށް މާޒިޔާ ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ދެވަނަ ބުރުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
މާޒިޔާގެ އޭއެފްސީ ކަޕުގެ ތާރީހަށް ބަލައިލާ އިރު، އެޓީމުން މިހާތަނަށް ދެ ފަހަރަކު އޭއެފްސީ ކަޕުގައި ވާދަކޮށްފައިވެއެވެ. މާޒިޔާ އިން އޭއެފްސީ ކަޕުގައި ފުރަތަމަ ވާދަކުރީ 2016 ގައެވެ. އެފަހަރު ގްރޫޕު ސްޓޭޖުގައި މާޒިޔާ ހިމެނުނީ އިންޑިއާގެ މޯހަން ބަގާން އާއި ހޮންކޮންގެ ސައުތު ޗައިނާ އަދި މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއެކުގައެވެ. އެފަހަރު މާޒިޔާ އިން ގްރޫޕު ސްޓޭޖު ނިންމާލީ ފަސް ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައެވެ.
އެއަށްފަހު މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރީ 2017 ގައެވެ. އެފަހަރު މާޒިޔާ ހިމެނުނީ އިންޑިއާގެ ބެންގަލޫރު އެފްސީ އާއި އިންޑިއާގެ މޯހަން ބަގާން އަދި ބަންގުލަދޭޝްގެ ދާކާ އަބަހާނީއާ އެއް ގްރޫޕެއްގައެވެ. މާޒިޔާއަށް ގްރޫޕު ސްޓޭޖު ދިޔައީ ވަރަށް ހިތްދަތިކޮށެވެ. ގްރޫޕު ސްޓޭޖުގައި އެއްވަނަ ހޯދި އިންޑިއާގެ ބެންގަލޫރާއި ދެވަނަ ހޯދި މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރެވެ. ބެންގަލޫރު ކުރީގައި އޮތީ ހެޑް ޓު ހެޑް ނަތީޖާއިންނެވެ. އެހެންކަމުން މާޒިޔާއަށް ވަނީ ގްރޫޕު ސްޓޭޖާ ހަމައިން މުބާރާތް ނިންމާލަން ޖެހިފައެވެ.
މާޒިޔާއަށް އޮތް އެންމެ ބޮޑު ބިރަކަށް ވާނީ އަބަހާނީއަކީ ފާއިތުވެދިޔަ ތިން އަހަރު އޭއެފްސީ ކަޕުގެ ގްރޫޕު ސްޓޭޖުން ޖާގަ ހޯދި ޓީމަކަށް ވުމެވެ. އަބަހާނީއަކީ ބަންގުލަދޭޝްގެ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރެއިން ޓީމެކެވެ. ނަމަވެސް އަބަހާނީއަކީ މާޒިޔާއަށް އާ ޓީމެއް ނޫނެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި އަބަހާނީން ވަނީ ތަފާތު ނަތީޖާތަކެއް ނެރެފައެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި އަބަހާނީ ހިމެނުނީ އިންޑިއާގެ ޗެންނާއީ އެފްސީ އާއި އިންޑިއާގެ މިނާވާ ޕަންޖާބް އަދި ނޭޕާލުގެ މަނަންގް މާޝިޔަންގްޑީ ކްލަބާ އެއް ގްރޫޕެއްގައެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި އަބަހާނީން ވަނީ ގްރޫޕުގެ އެއްވަނަ ހޯދައި، އިންޓަ ޒޯން ޕްލޭ އޯފް ސެމީ ފައުނަލުން ޖާގަ ހޯދައިފައެވެ. އަބަހާނީން ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އިންޓަ ޒޯން ސެމީގައި އަބަހާނީ ބަލިވީ އެފަހަރު މުބާރާތުގެ ރަނަރަޕްކަން ހޯދި އުތުރު ކޮރެއާގެ އޭޕްރީލް 25 އަތުންނެވެ.
މާޒިޔާ އިން ވަނީ 2017ގެ އޭއެފްސީ ކަޕްގެ ގްރޫޕު ސްޓޭޖުގައި އަބަހާނީއާ ދެކޮޅަށް ދެ މެޗު ކުޅެފައެވެ. ބަންގުލަދޭޝްގައި ކުޅުނު މެޗުގައި މާޒިޔާ އިން 2-0ގެ ނަތީޖާއަކުން އަބަހާނީ ބަލިކުރި އިރު، ރާއްޖޭގެ ކުޅުނު މެޗުން ވެސް މާޒިޔާ އިން އަބަހާނީ ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ.
އޭޝިއަން ކަޕް 2016 އަށްފަހު އެމުބާރާތުގެ ކޮލިފައިން ޕްލޭއޯފްގައި ވާދަކުރި ރާއްޖޭގެ އެއްވެސް ޓީމަކަށް ގްރޫޕު ސްޓޭޖަށް ކޮލިފައިވެފައި ނުވާކަން މާޒިޔާ އިން ވިސްނަން ޖެހެއެވެ. ނަމަވެސް މިއީ މާޒިޔާ އިން ޕްލޭއޯފްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
އޭޝިއަން ކަޕް 2017ގެ ޕްރިލިމިނަރީ ބުރުގައި ކްލަބު ވެލެންސިއާ އިން ބޫޓާންގެ ތިންޕޫ ސިޓީ އަތުން މޮޅުވި ނަމަވެސް ޕްލޭއޯފް ބުރުން ކުރިއަށްދެވިފައެއް ނުވެއެވެ. ޕްލޭއޯފް ބުރުގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް، އިންޑިއާގައި ކުޅުނު ދެވަނަ ލެގު މެޗުގައި މޯހަން ބަގާން އަތުން 4-1ގެ ނަތީޖާއަކުން ވެލެންސިއާ ބަލިވެ ގްރޫޕު ސްޓޭޖަށް ކޮލިފައިނުވެ ނިންމާލަން ޖެހުނެވެ.
އޭއެފްސީ ކަޕް 2018ގެ ކޮލިފައިން ޕްލޭއޯފްގައި ރާއްޖެއިން ވާދަކުރީ ޓީސީ ސްޕޯޓްސް ކްލަބެވެ. ޓީސީން ވަނީ ޕްރިލިމިނަރީ ބުރުގައި 4-1ގެ އެގްރިގޭޓަކުން ބަންގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބު ބަލިކޮށްފައެވެ. އެއަށްފަހު ޕްލޭއޯފް ބުރުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު ދެ ލެގުން ވެސް ޓީސީ ބަލިވެ ގްރޫޕު ސްޓޭޖަށް ކޮލިފައިނުވެ ނިންމާލަން ޖެހުނެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި ރާއްޖޭގެ އެއްވެސް ޓީމަކުން ވާދަކޮށްފައެއް ނުވެއެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓީމެއް ބައިވެރިފައިނުވަނީ އެއްވެސް ކްލަބަކަށް އޭއެފްސީ ކްލަބު ލައިސަންސް ހަމަނުޖެހުމުގެ ސަބަބުންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު 4:00ގައި އަބަހާނީއާ ދެކޮޅަށް މާޒިޔާ އިން ނުކުންނަ އިރު، މި ހުރިހާ ކަމަކަށް ވެސް ވިސްނައި، ސަމާލުވާން ޖެހޭނެއެވެ. ޓީސީއާއެކު ގްރޫޕު ސްޓޭޖުގައި ވާދަކުރުމުގެ ފުރުސަތު ހޯދުމަށް މާޒިޔާއަށް މިއަދުގެ މެޗު ވަރަށް މުހިންމެވެ. އެ މެޗަށް ނުކުންނަ އިރު، މާޒިޔާ އިން ރަށުން ބޭރުގައި ދެ ލަނޑު ޖަހާފައިވުމަކީ އެޓީމަށް ލިބޭނެ އެޑްވާންޓޭޖެކެވެ. މިއަދު މެޗުގައި މާޒިޔާއަށް 0-0 ނުވަތަ 1-1ގެ ނަތީޖާއަކުން އެއްވަރުކޮށްލައިގެން ވެސް ގްރޫޕު ސްޓޭޖަށް ދެވޭނެއެވެ.