ބޮލީވުޑް ސުޕާ ސްޓާރުން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ އަރޯރާގެ ދަރިފުޅު ސާރާ އަލީ ޚާން އަކީ ސްޓާ ކިޑެއް ނަމަވެސް ކާމިޔާބު ފިލްމުތަކަކާއެކު ވަނީ ގިނަ ބައެއްގެ ތަރުހީބު ހޯދާފައެވެ.
ސާރާ މިވަގުތު އަންނަނީ އޭނާގެ ރިލީސްވާން އުޅޭ ފިލްމު "ލަވް އާޖް ކަލް"ގެ ޕްރޯޝަންތަކުގައި ހަރަކާތްތެރިވަމުންނެވެ. ކާތިކް އާރްޔަންއާއެކު ސާރާ ފެނިގެން ދާ މި ފިލްމަކީ ސާރާގެ ބައްޕަ ސައިފް މީގެ ކުރިން ކުޅެފައިވާ "ލަވް އާޖް ކަލް" ގެ ސީކުއިލެކެވެ.
ފިލްމުގެ ޝޫޓިން ފެށުމާއެކު ސާރާ އާއި ކާތިކް ގުޅިގެން އުޅޭ ކަމުގެ އަޑުތައް ވެސް ފެތުރުނެވެ. ފަހުން ފަހުން އައިސް ދެމީހުން ވަކިވި ކަމުގެ އަޑުތައް އިވިފައި ވަނިކޮށް އަނެއްކާވެސް ދެތަރިން އެކުގައި ފެންނަން ފެށީ ފިލްމުގެ ޕްރޮމޯޝަންތަކުންނެވެ.
މީޑިއާއިން ސާރާގެ ޒާތީ ވާހަކަތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އޭނާއަށް މިވަނީ ކައިވެންޏާ ގުޅޭ ގޮތުންވެސް ސުވާލު ކޮށްފައެވެ.
އެކަމާ ގުޅިގެން ސާރާ ބުނީ އޭނާ ކައިވެނި ކުރަން ބޭނުން ވަނީ ނިއު ޔޯކުގައި ކަމަށެވެ. ސާރާ އަކީ އާންމު ގޮތެއްގައި ޗުއްޓީ ތަަކަށްވެސް އެމެރިކާއަށް ދާ ތަރިއެއް ކަމުން އެ ގައުމު ދެކެ އޭނާ ލޯބިވާކަން އޭނާގެ ފޭނުންނަށްވެސް އެނގެއެވެ.
ހަަމައެއާއެކު ސާރާ ވަނީ ބޮޑު ޕާޓީއެއް ނުބާއްވާނެ ކަމަށްވެސް ބުނެފައެވެ.
ސާރާ އާއި ކާތިކްގެ ފިލްމު "ލަވް އާޖް ކަލް" ރިލީސްކުރަނީ މިމަހު 14ގައެވެ.