އަރްޖުން ރެޑީ އާއި ޖާޒީ އަށް ފަހު އަނެއްކާވެސް ތަމަޅަ ފިލްމެއްގެ ހިންދީ ރީމޭކު ހެދުމަށް މިވަނީ ނިންމާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ތަމަޅަ ފިލްމު "ކައިތީ" ގެ ހިންދީ ރީމޭކެއް ހެދެމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޑްރީމް ވޮރިއޯ ޕިކްޗާސް އާއި ރިލައެންސް އެންޓަޓެއިންމަންޓް ގުޅިގެން އުފައްދާ އެ ފިލްމުގެ މެއިން ލީޑަަށް ސުޕާ ސްޓާ ރިތިކް ރޯޝަން ހޮވާފައިވާ ކަމަށްވެސް ވެއެވެ. އަދި ރިތިކަށް ފިލްމު ވަނީ ހުށަހަޅާފައެވެ.
ފިލްމަކީ ޖަލުގައި ހޭދަކުރި މީހަކު ޕެރޯލުގެ ދަށުން ދޫކުރުމުން، އޭނާގެ އަންހެން ދަރިފުޅު ގެއްލިގެން ހޯދަން ކުރާ މަސައްކަތުގެ މައްޗަށް އުފައްދާ ފިލްމެކެވެ.
ފިލްމުގެ ކާސްޓުންނާއި ކްރޫއިން ފައިނަލް ވިހާ އަވަހަކަށް ފިލްމުގެ ޝޫޓިން ފެށިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފިލްމާ ގުޅޭ ގޮތުން ޕްރޮޑިއުސަރު ދިން އިންޓަވިއުގައި ބުނީ އެ ފިލްމުގައި ބަތަލާއެއް ނުހިމެނޭނެ ކަމަށެވެ. އަދި ފިލްމުގައި އެއްވެސް ލަަވައެއްވެސް ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ.
"100 ޕަސެންޓް އެކްޝަން ފިލްމެއް މިއީ. ރިލައިންސް އާ ގުޅިގެން ހިންދީ ރީމޭކެއް ހެދޭތީ ވަރަށް އުފާވޭ. އިންޑިއާގެ އޯޑިއަންސް ހަަމަގައިމުވެސް މި ފިލްމު ބަލާފައި އެންޓަޓެއިން ވާނެ" ޕްރޮޑިއުސަރު ބުންޏެވެ.