ހުތުބާ

އިސްލާމީ އުހުއްވަތްތެރި ކަމަކީ ގަދަފަދަ ބާރެއް: ހުތުބާ

އިސްލާމީ އުހުއްވަތްތެރި ކަމަކީ ގަދަފަދަ ބާރެއް ކަމަށާއި ބައިބައިވުމަކީ މުޖުތަމައު ނިކަމެތިވެ ބަލިކަށިވެގެން ދާނެ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ މުސްލިމުން އެބައިމީހުންގެ އެއްބައިވަންތަކަމުގެ ބިނާއަށް ލޮޅުމެއް އަރާފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި އިސްލާމީ އުއްމަތަށް ލިބިފައިވާ ހުރިހާ ކާމިޔާބަކާއި ކުރިއެރުމެއްގެ އަސާސްއަކީ އިސްލާމީ އެއްބައިވަންތަކަން ކަމަށެވެ.

"މިކަން ހީނަރުވެގެންދިޔަ ކޮންމެ ދަނޑިވަޅެއްގައި މުސްލިމުން ވަނީ ބަލިކަށިވެ ނިކަމެތިވެފައެވެ. މުޖުތަމައު ބައިބައިކޮށްލުމަށް މަސައްކަތްކުރާ މީހުން އެބައިމީހުންގެ މުސްލިމް އަހުންނާއި އުހުތުންގެ އަބުރާއި އިއްޒަތަށް އެއްވެސް ގޮތަކަށް ބަލާލުމެއް ނުބަހައްޓައެވެ. މުސްލިމުންގެ ލެއާއި މުދަލާއި އަބުރާއި އިއްޒަތަކީ މާތްﷲ ހުރުމަތްތެރި ކުރައްވާފައިވާ ތަކެތިކަން ހަމަ ނޭނގެނީބާވައެވެ!..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އިސްލާމީ މުޖުތަމައެއްގެ އަސާސް ވަރުގަދަކުރުމަށްޓަކައި އެ މުޖުތަމައެއްގައި ދިރިއުޅޭ ކޮންމެ ފަރުދަކުވެސް ލިބިގަންނަން ޖެހޭ އަހުލާގީ ސިފަތަކަކާއި އަމަލުކުރަން ޖެހޭ ރިވެތި އުސޫލުތަކެއްވާ ކަމަށެވެ. އަދި އެއްބައިވަންތަކަމުގެ ރިވެތި އުސޫލުތަކުގެ ސަބަބުން މުޖުތަމައުގެ ކޮންމެ ފަރުދަކަށް ވެސް އޭނާގެ މުސްލިމް އަހާއަށްޓަކައި އަދާކުރަންޖެހޭ ހައްގުތަކެއްވާކަން އިހުސާސް ކުރެވެން ފެށުނު ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"މުސްލިމުން އެއްބައިވެ އިސްލާމްދީނުގައި ހިފެހެއްޓުމަށް އަންގާފައިވާ އިރު، އިސްލާމީ މުޖުތަމައެއްގައި ދިރިއުޅޭ ފަރުދުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަ ކަމަކީ މުސްލިމުންނަށް ވާ ބޮޑު ނިއުމަތެއް ކަމުގައި ވަނީ އަންގަވައިފައެވެ. މިހެންކަމުން އިސްލާމީ މުޖުތަމައެއްގައި އޮންނަން ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަ ކަމަށް އުނިކަމެއް އަންނަ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ އިސްލާމީ ރިވެތި އަހުލާގީ އުސޫލުތަކާ ހިލާފު ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމުގެ އަސާސްކަމުގައި ލައްވާފައިވަނީ މާތްﷲއަށް އީމާންވުމުގެ އަގީދާ ކަމަށާއި އެހެންކަމުން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެންމެހާ މުސްލިމުންނަކީ ވެސް މާތްﷲއަށް އީމާންވާ އެއް ދީނެއްގެ އަހުލުވެރިން ކަމަށެވެ. އަދި މުސްލިމުންގެ މެދުގައި އޮންނަ ލޯތްބާއި ހަމްދަރުދީއަކީ އީމާންކަމާ ގުޅި ލާމެހިފައިވާ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.