ސީރިޔާގެ އަލޫކާ ސްކޫލުގެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، (އައިއޭސީ)އިން ހުޅުވާލައިފިއެވެ.
އައިއޭސީން މައުލޫމާތު ދިން ގޮތުގައި އަލޫކާ ސްކޫލުގައި ތައުލީމު ހާސިލް ކުރަމުން އަންނަ 245 ކުދިންގެ ތެރެއިން ވަކިވަކި ކުދިން ސްޕޮންސާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މަހެއްގެ މައްޗަށް އެ ސްކޫލުގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ހަރަދުވަނީ 700 ރުފިޔާ ކަމަށް އައިއޭސީން ފާހަގަ ކުރެއެވެ.
އައިއޭސީން މައުލޫމާތު ދިން ގޮތުގައި ދަރިވަރުން ސްޕޮންސާ ކުރާ ފަރާތްތަކަށް އެ ދަރިވަރެއްގެ ކިޔެވުމުގެ ކަންކަން ހިނގާ ގޮތް އަންގާނެ އެވެ. އެގޮތުން ކޮންމެ ދެމަހުން އެއްފަހަރު ވީޑިއޯ އާއި ފޮޓޯގެ ޒަރިއްޔާއިން އެ ދަރިވަރެއް ސްޕޮންސާ ކުރާ ފަރާތަކަށް ދަރިވަރުގެ ކިޔެވުން ކުރިއަށްދާ ގޮތް އަންގައިދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އައިއޭސީން ބުނެއެވެ.
މި ސްކޫލުގެ ދަރިވަރުން ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން 7322112 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް އައިއޭސީން އެދެއެވެ. އައިއޭސީން ބުނީ މި ފަދަ ފުރުސަތަކީ "ހާލުގައި ޖެހިފައި ތިބި ކުދިންނަށް ތައުލީމު ލިބުމުގެ ފުރުސަތު ލިބި އެކުދިންގެ މުސްތަގުބަލު އުޖާލާވެގެން ދިއުމުގެ އިތުރުން ﷲގެ ރަހުމަތް އަހަރެމެންނަށް ތަނަވަސްވެ ސަވާބު އިތުރުވެގެންދާނެ ކަމެއް" ކަމުގައެވެ.
އައިއޭސީން މައުލޫމާތުދިން ގޮތުގައި މި ސްކޫލު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހު 17ގައި ސީރިޔާގެ އިދްލިބްގައެވެ. އަދި މި ސްކޫލަކީ އައިއޭސީ އިސްވެ އޮވެ ތުރުކީގެ އައިއެޗްއެޗް އަދި އިނގިރޭސި ވިލާތުގެ އޮލިވް ގްރޯވް ފައުންޑޭޝަންއާއި ގުޅިގެން ބިނާ ކުރި ސްކޫލެއް ކަމަށް އައިއޭސީން ބުނެވެ. މީގެ އިތުރުން މި ސްކޫލު ބިނާކޮށްފައި ވަނީ ދިވެހި ރައްޔިތުންގެ ދީލަތި އެހީއާއެކު ކަމަށް އައިއޭސީން ފާހަގަ ކުރެއެވެ.
އައިއޭސީން ބުނި ގޮތުގައި މި ސުކޫލުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ކުދިންގެ ތެރޭގައި ޔަތީމު ކުދިންނާއި، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ބިކަ ހާލުގައި ޖެހިފައިވާ ފަގީރު ކުދިން ހިމެނެއެވެ. އަދި ޒަމާނާއި އެކަށީގެންވާ ޓެކްނޮލޮޖީގެ އެހީގައި މި ސްކޫލުގައި އުނގަންނައި ދިނުމަށް މި ޕްރޮޖެކްޓު އިންތިޒާމް ކުރި ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އައިއޭސީން ބުނެއެވެ. އަލޫކާ ސްކޫލުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ހިސާބު، އިނގިރޭސި، ޕީއީ، ޕްރެކްޓިކަލް އާޓް، އަރަބި އަދި ގުރުއާން މާއްދާ ހިމެނެއެވެ.
މީގެ އިތުރުން މި ސްކޫލުގައި ޖުމުލަ ހަތް ކްލާސްރޫމާއި ނަމާދު ކުރަން ހާއްސަ ވަކި ތަނެއް ހަދާފައިވާ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. އަދި ކުދިން ކުޅެ އުޅެން ނިކުމެލާނެ ތަންކޮޅެއްވެސް ސުކޫލުގެ ތެރޭގައި ހިމަނާފައިވާ ކަމަށް އައިއޭސީން ބުނެއެވެ. ކުދިންގެ ހުނަރުތައް ދެނެގަނެ އެކުއްޖަކު ޝައުގުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އައިއޭސީން ބުނެއެވެ.